ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ހުރިހާ ސްކޫލްތަކެއް ބަންދުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ހުރިހާ ސްކޫލްތަކެއް ބަންދު ކޮށްފިއެވެ.

ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި ސްކޫލްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އަދި ދަރިވަރުންގެ ތެރެއިން 200 އާއި ގާތްކުރާ އަދަދަކަށް މީހުންވަނީ ސޯލްއިން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައެވެ.

25 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ސޯލްގެ ކިޔަވާކުދިން ދެން އެކުދިންގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. ނަމަވެސް 60 ދަރިވަރުންނަށްވުރެ މަދު ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލްތަކާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިނގާ ސްކޫލްތައް ބަންދު ނުކޮށް ހިނގުމުގެ ހުއްދަ ދެކުނު ކޮރެއާގެ ތައުލީމާބެހޭ ވުޒާރާއިންވަނީ ދީފައެވެ.

ކޮވިޑް-19ގެ ނުރައްކާ ދެކުނު ކޮރެއާއަށް ކުޑަވުމާއި ގުޅިގެން އެގައުމުގެ ސްކޫލްތައް އެކި މަރުހަލާތަކަށް ބަހާލައިގެން ހުޅުވަން ފަށައިފައިވަނީ މެއިމަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ޖޯން ހޮޕްކިންސްގެ ކޮވިޑް-19ގެ ތަފާސްހިސާބުތައް ދައްކާގޮތުން ދެކުނު ކޮރެއާއިން ކޮވިޑް-19 ފެނުނުފަހުން މިހާތަނަށް 17,945 މީހުންވަނީ މިބައްޔަށް ފައްސިވެފައެވެ. އަދި މިބަލީގައި 310 މީހުންވަނީ މަރުވެފައެވެ.

ދެކުނު ކޮރެއާ މިސާލު ޖެހެމުން އައްނަނީ ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރުން އެންމެ ކާމިޔާބުކަމާއެކު ހުއްޓުވި ގައުމުތަކުގެ ތެރޭގައެވެ. ނަމަވެސް، ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ސޯލްގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައްވަނީ އިތުރުވާން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ