ދަރަނބޫދޫ ބަނދަރުގެ 22 ޕަސެންޓު މަސައްކަތް ނިމިއްޖެ

ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 22 ޕަސެންޓު މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީ އިން ބުނެފައިވަނީ، މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ވަނީ ނިމިފައި ކަމަށެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 27 މެއި 2020 ގައެވެ.

ދައުލަތުގެ ބަޖެޓުން 38.2 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ މި ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރު ތޮށި ހެދުމާއި 196 މީޓަރުގެ އެއްގަމު ތޮށި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 10 މޫރިން ބުލޮކްލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، ދެ ނެރު ބައްތި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް 397 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. މި ބަނދަރު ބޮޑު ކުރުމުން ބޮޑެތި އުޅަނދު ފަހަރުތަކަށް ދަރަނބޫދޫ އަށް ވަދެ ނިކުތުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ