ހުއްދަ ހޯދުމަކާނުލައި އަމިއްލައަށް އައްޑޫ ސިޓީގައި ބީޗުތައް ނުހެދުމަށް އައްޑޫ ކައުންސިލުން އަންގައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރެފައިވާ އިޢުލާނެއްގައި ބުނީ، މި ފަހަކަށްއައިސް މިއިދާރާގެ ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން މި އިދާރާއަށް ފާހަނގަކުރެވިފައިވާކަމަށާއި ހުއްދަ ހޯދުމަކާނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ޤާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަންކަންކަމުން މިފަދަ މަސައްކަތް ކުރަމުން ގެންދާ އެންމެހާ ފަރާތްތަކަށް އެފަދަ މަސައްކަތް ނުކުރުމަށް ދަންނަވާކަމަށެވެ.
މީގެ އިތުރުން، ފޭދޫ ހިއްކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިޤްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތައްކެއްކޮށް ފަހުގެ މަރުހަލާގައިވާ ތަނެއްކަމުގައިވާއިރު، އެސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ މި ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށްވެސް ކައުންސިލްގެ އިޢުލާނުގައި ވެއެވެ.
މި އެންގުމާ ޙިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު ރާއްޖޭގެ ޢިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި އައްޑޫގެ އެކި އަވަށްތަކާއި އެއަވަށްތަކާއި ގުޅިފައިވާ ގޮޑުދޮށްތައް ކުނިކަހައި ސާފުކޮށް ބޭއްވުމަށްޓަކައި ޖަމިއްޔާ ޖަމާޢަތްތަކާއި އައްޑޫގެ ރައްޔިތުން ކުރަމުންގެންދާ މަސައްކަތްތަކަކީ ކައުންސިލުން އަބަދުވެސް ތަރުހީބުދޭ އަދި އެކަމަށް ބާރުއަޅާ ކަންތައްތަކެއްކަމުގައިވެސް އައްޑޫ ސިޓ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި ބުނެފއިވެއެވެ.




