ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ، ގައުމުގެ ހައްގުގައި ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަން އެންމެ ރަނގަޅަށް އެނގޭޏީ އެމްޑީޕީގެ ސަރުކާރަށް ކަމަށް ޕީއެންސީގެ ރައީސް އަދި ކުރީގެ މަޖިލީސް މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، ރައީސް ވަހީދު ވާދަވެރި ސިޔާސީ ހަރަކާތައް ނިކުމެވަޑައިގެން މިއަދުވެސް އެހުންނެނީ ރައްޔިތުންގެ ފަޅީގައިކަމަށެވެ.
އަދުރޭ މިހެން ވިދާޅުވެފައި މިވަނީ، ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން ރައީސް ވަހީދަށް އަންގަވައިފައި ވަނިކޮށެވެ.
Raees @DrWaheedH akee gaumuge haggugai fasjehi vadai gannavaane beyfulhehnoon kan enme ragalhah engeynee MDP ge sarukaarah.vaadhaveri siyaasee harakaathah nukume vadaigen miadhuves ehunnevee rayyithunge falheega.PPM/PNC ge varugadha laskaruga! @DhiyaresNews @Ch13official @avasmv pic.twitter.com/fkaYoT3YFx
— Abdul Raheem Abdulla (@Banafsaa) August 30, 2020
ވަހީދު ވިދާޅުވީ، އެމަނިކުފާނު ފުލުހަށް ހާޒިރުވާން އެންގީ އިދިކޮޅުން މި މަހުގެ 28 ވަނަ ދުވަހު މާލޭގައި ބޭއްވި ޒުވާނުންގެ ސައިކަލު ބުރު މުޒާހަރާއާއި ގުޅިގެންނެވެ.
މި ސައިކަލު ބުރުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާކަމަށާއި މިކަމާއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ވަހީދު ވިދާޅުވިގޮތުގައި، އެމަނިކުފާނު މުޒާހަރާގެ ތެރޭގައި ހުންނެވީ މާސްކު އަޅުއްވައިގެންނެވެ. އަދި މާސްކު ނެންގެވީ ވާހަކަފުޅު ދައްކަވަން ކަމަށާއި، ނަމަވެސް އޭރުވެސް ހުންނެވީ މުޒާހަރާގެ ބައިވެރިންނާ ދުރުގައި ކަމަށް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވި ގޮތުގައި ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގީ މިއަދު ފުލުހުން އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ގޮހެވެ. އަދި ފަސޭހަފުޅު ވަގުތެއްގައި ފުލުސް އޮފީހަށް ވަޑައިގަތުމަށް އެމަނިކުފާނަށް ފުލުހުން އެންގި ކަމަށް ވަހީދު ވިދާޅުވެފައިވެއެވެ.
ފުލުހުންގެ އިދާރާއަށް ހާޒިރުވާން ރައީސް ވަހީދު އަމިއްލަ ފުޅަށް ނިއްމެވީ މިއަދު 4:00 ގައި ވަޑައިގަތުމަށެވެ.
އިދިކޮޅު ކޯލީޝަނުން މާލޭގައި ބޭއްވި މިސައިކަލު ބުރާއި ގުޅިގެން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާއުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވެއެވެ.



