އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލު ބުރުގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކޮށްފައިވާތީ 1000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.
ސުޖާއު ޖޫރިމަނާ ކޮށްފައިވަނީ، މިރޭ ފުލުހަށް ހާޒިރުކޮށްފައެވެ. ސުޖާއު ފުލުސް އޮފީހުން ނިކުމެ ވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެއްޖެ ކަމަށް ބުނެ ހާޒިރުކޮށް 1،000 ރުފިޔާއިން ޖޫރިމަނާކުރީ ސިޔާސީ ބޭނުމެއްގައި ކަމަށާއި ޖޫރިމަނާ ކުރަން ޖެހޭ އުސޫލުން ކުރާނަމަ މަގުމަތީގައި އެއްވެ އުޅުނު ވަގުތު ޖޫރިމަނާ ކުރެވެން ޖެހޭނެ ކަމަށެވެ.
ޝުޖާއުގެ ވަކީލެއްގެ ގޮތުގައި ފުލުސް އޮފީހަށް ވަޑައިގެންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ، އެ މައްސަލަ އަކީ ޖިނާއި ތަހުގީގު ހިންގޭނެ މައްސަލަ އެއް ނޫން ކަމަށާއި، ތަހުގީގަށް ހާޒިރު ކުރަން ޖެހުނު ސަބަބާއި ތަހުގީގުގައި ކުރި ސުވާލުތަކާއި ދިމާނުވާ ކަމަށެވެ.
މުހުތާޒު އިތުރަށް ވިދާޅުވީ، ގައިޑްލައިންއާ ހިލާފުވުމުގެ އިތުރުން ތިން ތުހުމަތެއް ކުރެއްވި ކަމަށެވެ. އެއީ ދައުލަތް ހިންގުމަށް ހުރަސް އެޅި ކަމުގެ ތުހުމަތާއި، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ނަގަން ޖެހޭ ހުއްދަ ނުނަގައި އެއްވުމުގެ ތުހުމަތާއި، އަދި އަޑުގަދަކޮށް މީހުންނަށް ބިރު ދެއްކުމުގެ ތުހުމަތެވެ.
ޝުޖާއު ފުލުހަށް ހާޒިރުކުރި ގަޑީގައި އިދިކޮޅު ފަރާތްތަކުގެ އިސްބޭފުޅުން ވަނީ ރައީސް އޮފީސް ދޮރުމައްޗަށް އެއްވެ އަޑު އުފުލައިފައެވެ. ނަމަވެސް ފުލުހުން ވަނީ އެ މީހުން ފަހަތަށް ޖައްސާފައެވެ.
ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ސައިކަލު ބުރާއި ގުޅިގެން ކުރީގެ ރައީސް ޑރ. ވަހީދު ހަސަން މަނިކު ވެސް ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.




