ކޮވިޑާ ދެކޮޅަށް ދިވެހި މީޑިއާއިން ފަށާފައިވާ ގައުމީ ކެމްޕޭން “ކޮވިޑް ހުއްޓުވާނީ އަހަރެން” ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އިފްތިތާހު ކޮށްދެއްވައިފިއެވެ.
މިކެމްޕޭން އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، "ކޯވިޑް-19" ފެތުރުން ކޮންޓްރޯލް ކުރުމަށް، ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން، "ކޯވިޑް ހުއްޓުވާނީ އަހަރެން" މި ނަމުގައި މިއަދު ފެށިގެންދާ ކެމްޕެއިން، އިފްތިތާޙު ކޮށްދިނުމަކީ، ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
މިއީ ރާއްޖެ މިހާރު އޮތް ޙާލަތަށް ބަލާއިރު، ވަރަށް ބޭނުންތެރި ކެމްޕެއިނެއް ކަމަށާއި މިފަދަ މުހިންމު ޤައުމީ މަސައްކަތެއް ފެށްޓެވި ކަމަށްޓަކައި، މި ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީގެ ބޭފުޅުންނަށާއި، މިކެމްޕެއިންގައި ބައިވެރިވާ މީޑިއާތަކުގެ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"މި ކެމްޕެއިންގެ މަޤްޞަދަކީ، ފަރުދީ ޒިންމާގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުން. އަޅުގަނޑު ގަބޫލުކުރާގޮތުގައި، މި ކެމްޕެއިންގައި ސަރުކާރުގެ މުއައްސަސާތަކާއި، އަމިއްލަ ޖަމުޢިއްޔާ ޖަމާޢަތްތަކާއި، މިނިވަން މުއައްސަސާތައްވެސް، ބައިވެރިވެ މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް." ރައީސް ވިދާޅުވިއެވެ.
ރާއްޖެއަކީ މި ބަލީގެ ނުރައްކާތެރިކަން ކުޑަ ޤައުމަކަށް ހެދެން އޮތީ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށް، މި ބަލި ފެތުރުން ކޮންޓްރޯލްކޮށްގެން ކަމަށާއި ފަރުދީ ޒިންމާތައް ފުރިހަމައަށް އަދާކޮށްގެން ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައި ވެއެވެ. އަދި ވަކިން ޚާއްޞަކޮށް، ޒަރޫރީ ކަމެއްގައި ނޫނީ، ޢާންމުންގެ ތެރެއަށް ނުނިކުތުމާއި، ނުކުންނަން ޖެހުނަސް، މާސްކް އަޅައިގެން ނޫނީ ބޭރަށް ނުނިކުތުމާއި ގިނަގިނައިން އަތް ދޮވުމާއެކު، ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށްވެސް އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ.
"މިހާރުވެސް މިބަލީގައި ރާއްޖެއިން 29 މީހަކު އަޅުގަނޑުމެންނާ ވަކިވެއްޖެ. އޭގެތެރެއިންވެސް ގިނައީ، ޢުމުރުން ދުވަސްވީ އިސް ރަށްވެހިން. މިއީ އެ ބޭފުޅުންގެ ޢާއިލާތަކަށްވެސް، އަދި މުޅި ޤައުމަށްވެސް ލިބޭ ވަރަށް ބޮޑު ދެރައެއް، ވަރަށް ބޮޑު ހިތާމައެއް." ރައީސް ވިދާޅުވިއެވެ.
މި ބަލިޖެހޭ މީހުންގެ ޢަދަދު މަދު ނުކުރެވިއްޖެނަމަ، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމަށް އޮބިނޯންނަ ޙާލަތަށް ކަންތައް ހިނގައިދާނެ ކަމަށާއި ފަރުވާކުރެވޭނެ ވަސީލަތްތަކާއި އާލާތްތައް ހޮސްޕިޓަލުތަކުގައި ހުއްޓަސް، ފަރުވާދޭން ތިބި ޑޮކްޓަރުންނާއި ނަރުހުންނަށް ނުތަކާވަރަށް ބަލިމީހުން އިތުރުވެއްޖެނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލުމުގެ ބިރު އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެންމެންނަށް އެ މަންޒަރު އެބަ ފެނޭ. ދިވެހި ނޫސްވެރިންނަށްވެސް އެ މަންޒަރު ވަރަށް ގާތުން އެބަ ފެނޭ. ކޯވިޑް ފެތުރުމާ ދެކޮޅަށް، ރާއްޖޭގެ މީޑިއާތައް މި ތެދުވީ، ކަމުގެ ނުރައްކާތެރިކަމާއި، ޤައުމަށް ލިބިދާނެ ގެއްލުން، ދިވެހި ނޫސްވެރިންނަށް ވަރަށް ރަނގަޅަށް ތަޞައްވަރު ކުރެވޭތީ." ރައީސް ވިދާޅުވިއެވެ.
އަޅުގަނޑުމެން އެންމެން މަސައްކަތް ކުރަންވީ، އެ ޙާލަތަށް ނުދަނީސް، މި ބަލި ކޮންޓްރޯލް ކުރެވޭތޯ. އެޗް.ޕީ.އޭ އިން ކެނޑިނޭޅި އެ ދެއްވާ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކޮށްފިއްޔާ، މިއީ ކޮންޓްރޯލް ނުކުރެވޭވަރުގެ ބައްޔެއް ނޫން. މާތް ﷲގެ ވާގިފުޅާއެކު، ދިވެހި ނޫސްވެރިންގެ މި ކެމްޕެއިނާއެކު މިކަމުގައި އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނޫސްވެރިން، އެއް ވިސްނުމެއްގައި އެއް ޢަޒުމެއްގައި ކަމެއް ކުރަން ތެދުވެއްޖެނަމަ، ވަރަށް ފަސޭހައިން އެކަމެއް ހާސިލުކުރެވޭނެ ކަމަށާއި ނޫސްވެރިންގެ ފަރާތުން އެދޭ އެދުމަކީ، ކަންކަމުގެ ޙަޤީޤަތް ނޯޅޭގޮތަށް، ތެދު ޚަބަރާއި މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ޒިންމާދާރުކަމާއެކު، މިނިވަން ނޫސްވެރިކަމުގެ މަގުގައި ކުރިއަށް ވަޑައިގެން، މިކެމްޕެއިން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މީޑިއާތަކުން މިއަދު މި ފެށި ކެމްޕެއިނަކީ މާތް ﷲގެ ވާގިފުޅާއެކު ވަރަށް ކާމިޔާބު މަސައްކަތަކަށްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފަދަ ކެމްޕެއިނެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން. ވަކިން ޚާއްޞަކޮށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން މިކަމަށް ވަރަށް ބޮޑަށް ބޭނުންވާނެ." ރައީސް ވިދާޅުވިއެވެ.



