ދިވެހިރާއްޖެއާ ދާދި ގާތުގައި، އައްޑު އަތޮޅުގެ ދެކުނުން އޮންނަ ފޭހަންދީބު (ނުވަތަ ޗާގޯސް ޖަޒީރާތައް) މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުން ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދިންގޮތާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޏާ މައުމޫން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ޗާގޯސް ޖަޒީރާތައް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ދީފައިވަނީ ޗާގޯސް ޖަޒީރާ (ފޭހަންދީބު) މޮރިޝަސްއާ ހަވާލު ކުރުމާ ދެކޮޅަށެވެ. އެ ވޯޓުގައި ރާއްޖެއާ އެކު މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ހަ ގައަމުކުންނެވެ. އެއީ އިނގިރޭސިވިލާތާއި އިސްރާއިލާއި އެމެރިކާ އާއި ހަންގޭރީ އަދޮ އޮސްޓްރޭލިއާ އެވެ.
ރާއްޖެއިން އ.ދ ގައި ވޯޓު ދިން ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވުމާ ގުޅިގެން ސަރުކާރުން ވިދާޅުވީ، ރާއްޖެއިން އެގޮތަށް ވޯޓުދިނީ މޮރިސަސް އާ ދެކޮޅަށް އަދި އެމެރިކާ އާއި އިސްރާއީލާ އެއްކޮޅަށް ނޫން ކަމަށެވެ. އެގޮތަށް ވޯޓުދިނީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ހިމާޔަތް ކުރުމަށް ކަމަށްބުނެ އެ ނިންމުން ސަރުކާރުން ވަނީ ދިފާއުކޮށްފައެވެ.
އެ ނިންމުމަށް ފާޑުވިދާޅުވެ، ރައީސް މަޢުމޫންގެ ދަރިކަނބަލުން ދުންޏާ މަޢުމޫން ވަނީ ޓްވީޓެއް ކުރައްވާފައެވެ.
"ކޮންކަހަލަ ޚާރިޖީ ސިޔާސަތަކުންތޯ ގައުމެއް އިސްތިއުމާރުކޮށް އަމިއްލަ ގައުމު ކައިރީގައި އޮންނަ ގައުމަކާ މެދު އދ. ކަނޑައަޅާފައިވާ ގަރާރަކާ ދެކޮޅަށް ތާއިދުކުރާނީ؟" ސަރުކާރަށް ފާޑުވިދާޅުވެ ދުންޏާ ކުރެއްވި ޓުވީޓުގައިވެއެވެ.
Very true @aimanrasheed! What kind of foreign policy supports foreign domination and voting against a UN backed resolution against our fellow Indian Ocean countries! @MDVForeign https://t.co/IzW76aSFA4
— Dunya Maumoon (@dunyamaumoon) May 23, 2019
ދުންޏާގެ އިތުރުން އިދިކޮޅު ޕީޕީއެމްއިން ވެސް ވަނީ ސަރުކާރުގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނީ، ފޮރިން މިނިސްޓްރީން އެގޮތަށް ބުނި ނަމަވެސް، އެއީ އެކަން އޮތް ގޮތް ނޫން ކަމަށާއި ސަރުކާރުން މި މައްސަލައިގެ ހަގީގަތް އޮޅުވާލައިފައިވާ ކަމަށެވެ.
މި މައްސަލައިގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ކިބައިން ސަރުކާރުން މަޢާފަށް އެދެންޖެހޭ ކަމަށްވެސް ޕީޕީއެމް އިން ވަނީ ބުނެފައެވެ.




