ދ. ހުޅުދެލި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 20 ޕަސެންޓް ނިމިއްޖެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ 26 ޕަސެންޓް މަސައްކަތް ވަނީ ނިމިފައިކަމަށެވެ.
ހުޅުދެލި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ ދަށުން، 45،585 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 277 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 60 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 432 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
މީގެއިތުރުން 2،160 ސްކުއެއާ މީޓަރުގެ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތްވެސް ހިމެނޭކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ، 25 ޖޫން 2020 ގައެވެ.



