ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަވަހާރަ ކޮށްލަން ރާވާއިރު ފުލުހުން ހަނުހުރުން ބަލައެއް ނުގަނެވޭ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
އަނދުން ހުސައިން މިހެން ވިދާޅުވެފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ރޯކުރަން އިދިކޮޅު ސަޕޯޓަރަކު 3 ސެޕްޓެންބަރު ވަނަ ދުވަހު މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެއަޑު ޕްރޮގްރާމުގައި ގޮވާލާފައިވުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން އަނދުން ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަރަށް ވަގުން ހައްދުން ނައްޓައިގެން ގޮސް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ރައީސް ސާލިހު އަށް ދީ އަވަހާރަ ކޮށްލަން ރާވާއިރު ފުލުހުން ހަނުހުރުން މި ރާއްޖެ ބަލައެއް ނުގަންނާނެ ކަމަށެވެ.
މި މައްސަލަ ފުލުހުން ވެސް ވަނީ ބަލަން ފަށާފައެވެ. އެގޮތުން ފުލުހުން ވިދާޅުވީ ޓެރަރިޒަމްގެ މި އަމަލު އެ ފަރާތަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.
“ޓީވީ ޗެނަލް އަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށްވަނީ އައިސްފަ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުންވަނީ ބަލަން ފަށާފަ.” ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅިގެން އެޗެނަލްއާމެދު ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ. އަދި ޗެނަލް 13 ގެ އިތުރުން އެ ގޮތަށް ގޮވާލި މީހާއާމެދުވެސް ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
އަދި މިމައްސަލައާއި ގުޅިގެން ޗެނަލް13 އިންވަނީ މަޢާފަށްވެސް އެދިފައެވެ. އެޗެނަލްއިން ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ މެންދުރު 13:00 ގައި ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑުޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއްކަމަށެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށްއެދޭކަމަށެވެ.




