ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ދިން ވިހައިގެ ސަބަބުން ޖަރުމަނުގެ ހޮސްޕިޓަލެއްގެ ކޯމާއެއްގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު ހާލު ރަނގަޅުވަމުން އަންނާތީ އޭނާ ކޯމާއިން ނެރެފިއެވެ.
އުމުރުން 44 އަހަރުގެ ނަވަލްނީ އަށް ފަރުވާކުރި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަވަލްނީ ކޯމާއިން ނެރެފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
ނަވަލްނީއަށް ވިހައިގެ އަސަރު ކޮށްގެން ފަރުވާ ދޭން ޖެހުނީ މިދިޔަ މަހުގެ 20 ގައި ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުންނަވަނިކޮށް ހޭނެތުމުންނެވެ. އޭގެ ފަހުން ސައިބީރިއާގެ އޮމްސްކްގެ ހޮސްޕިޓަލެއްގައި އޭނާއަށް ދެ ދުވަހަށް ފަރުވާ ދިނުމަށް ފަހު، ޖަރުމަނުގެ ބާލިންގެ ހޮސްޕިޓަލަކަށް ވަނީ ގެންގޮސްފަ އެވެ.
މިމަހުގެ ތެރޭގައި ޖަރުމަނު ސަރުކާރުގެ ތަރުޖަމާނު ސްޓެފެން ސީބާޓް ނަވަލްނީ ބެއްލެވި ޑޮކްޓަރުންނާއި ހަވާލާދީ ބުނެފައިވަނީ، ނަވަލްނީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސިކޮލޮޖީ ޓެސްޓުތަކުން ނޮވިޗޮކް ގުރޫޕުގެ ކެމިކަލް ނާވް އޭޖެންޓެއް ފެނިފައިވާ ކަމަށެވެ.
ނޮވިޗޮކް ކެމިކަލް ހަތިޔާރަކީ މީގެކުރިންވެސް ރަޝިޔާގެ ސަރުކާރުން އެމީހުންގެ އިދިކޮޅު ފަރާތްތައް މަރާލުމަށް ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ކެމިކަލް އެކެވެ. މިގޮތުން 2018 ވަނަ އަހަރު އިނގިރޭސިވިލާތުގައި ރަޝިއާގެ ކުރީގެ ޖާސޫސެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް މި ކެމިކަލްއިން ހަމަލާ ދީފައި ވެއެވެ.
ނަވަލްނީގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ނަވަލްނީއަށް ވިހަ ދީފައިވަނީ ރަޝިއާގެ ރައީސް ވޮލްޑިމިއާ ޕުޓިންގެ އަމުރަށެވެ. ނަމަވެސް ޕުޓިން މިކަން ދޮގުކުރެއެވެ.




