އެމްއެމްޕީއާރުސީގެ މައްސަލާގައި އަދި ވަރަށް ގިނަ ބަޔަކު ޖަލަށް ދާނެކަމުގައި އިހަވަންދޫ ދައިރާގެ މަޖްލިސް މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ އިން ރޭ ގެނެސްދިން ޚަބަރަށްފަހު ޕްރޮގްރަމްގައި ވާހަކަފުޅު ދައްކަވަމުން ޝިފާޢު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި އިތުރު މީހުންގެ މައްޗަށް ދަޢުވާ ކުރަން ފޮނުވާ ވާހަކަވެސް މި ދޭތެރެއިން އަޑު އިވިއްޖެކަމަށާއި އަދި އެކަން ހިނގަމުން ދާކަމަށެވެ. ޝިފާޢު ވިދާޅުވީ އިންޑިއާ ބޭރުކުރަން ކެމްޕެއިން ހިންގަމުންދަނީ މި ކަންކަމާއި ގުޅިގެން ކަމަށެވެ.
އިންޑިއާ ބޭރުކުރަން ގޮވާގެން އެމްއެމްޕީއާރުސީ ގެ ވައްކަންތައް ނުފޮރުވޭނެ ކަމުގައި ޝިފާޢު ވިދާޅުވެފައިވާއިރު، މި މައްސަލާގަ ޖަލުގައި އޮންނަން ޖެހޭނީ ރައީސް ޔާމީން އެކަނި ނޫން ކަމުގައިވެސް ޝިފާޢު ވަނީ ވިދާޅުވެފައެވެ.
ޝިފާޢު ވިދާޅުވީ އިތުރު ބައިވަރު މީހުން މީގެ ތެރޭގައި ހިމެނޭ ކަމަށާއި، މިކަމާ ގުޅިގެން އަދި ވަރަށް ގިނަ ފަރާތްތަކެއް ޖަލަށް ދާނެކަމަށެވެ.
މި މައްސަލާގެ ޝަރީއަތްތައް ހިނގަން ފެށުމުން އެވާހަކަތައް ދިވެހި ރައްޔިތުންގެ ކަންފަތް ބުޑުން އޮއްބާލަން މަސައްކަތް ކުރިޔަސް އެކަން ނުވާނެ ކަމުގައި ޝިފާޢު ވަނީ ވިދާޅުވެފައެވެ.
ޝިފާޢު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަތައް ބެލިދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންގެ އެބަހުރި ކަމަށާއި، ނަމަވެސް މިކަންތައްތައް ހިނގައިގަންނަ އިރަށް ވާދަވެރި ސިޔާސީ ފަރާތްތައް މަސައްކަތް ކުރައްވަނީ މުޅި މަޢުލޫ އެހެން ދިމާލަކަށް އަނބުރާލަށް ކަމަށެވެ.