ޖޯޑަންގައި ސީރިއާގެ ރެފިއުޖީންނަށް ހާއްސަ ކޮށްފައިވާ ރެފިއުޖީ ކޭމްޕަކުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ފެނިއްޖެއެވެ.
އ.ދ ގެ ރެފިއުޖީ އެޖެންސީއިން މިއަދު ބުނެފައިވަނީ، ޖޯޑަންގައި ހުންނަ އަޒްރަގް ރެފިއުޖީ ކޭމްޕުން ކޮވިޑް-19 އަށް ދެމީހަކު އިއްޔެ ޕޮޒިޓިވުވެފައިވާ ކަމަށެވެ. އަދި މި ދެމީހުން މިހާރު ކަރަންޓީން ކޮށްފައިވާއިރު މިމީހުންނާއި ބައްދަލުވި މީހުން އައިސޮލޭޓްކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސީރިއާގައި ކުރެވެމުންދާ ދާހިލީ ހަނގުރާމައިން ސަލާމަތްތެރިކަން ހޯދުމަށް ޖޯޑަންއަށް ހިޖުރަކޮށްފައިވާ 40،000 ވުރެ ގިނަ ސީރިއާގެ ރެފިއުޖީ އުޅެމުންދާ އަޒްރަގް ރެފިއުޖީ ކޭމްޕްއިން ކޮވިޑް-19 ފެނިފައިވާއިރު މިއީ ޖޯޑަންއަށް ސީރިއާއަށް ހިޖުރަކުރި ރެފިއުޖީންގެ ތެރެއިން މިބަލި ފެނުނު ފުރަތަމަ ފަހަަރެވެ.
ޖޯޑަންގައި ތިބޭ ސީރިއާގެ ރެފިއުޖީންގެ ކަންތަކާއި އ.ދ ގެ ފަރާތުން ހަވާލުވެ ހުންނަ މުހައްމަދު ހަވާރީ ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ރެފިއުޖީ ކޭމްޕުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލުގައިި ކޮވިޑް-19ގެ ބަލިމީހުންނަށް ހާއްސަ14 އެނދު އެބަހުރި ކަމަށެވެ. ނަމަވެސް ބަލި އެ ކޭމްޕުގައި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.




