ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ މެމްބަރުންގެ މާލީ ބަޔާންތަކުން އެންމެ މުސާރަ ބޮޑު މެމްބަރެއްގެ ގޮތުގައި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް (ސަންޓްރެވަލް ޝިޔާމް) ވެއްޖެއެވެ.
ފާއިތުވެދިޔަ އެއް އަހަރު ދުވަހުގެ މުއްދަތުގައި އެމަނިކުފާނަށް މުސާރަ އާއި އިނާޔަތުގައި ގޮތުގައި 20 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިވަޑައިގެންފައިވާ ކަން އެމަނިކުފާނުގެ މާލީ ބަޔާނުން ވަނީ ހާމަވެފައެވެ.
ސިޔާމްއަށް މުސާރައިގެ ގޮތުގައި 20،190،417.49 ރުފިޔާ ލިބިވަޑައިގަންފައިވާއިރު، ހިއްސާތަކުން 887،520.00 ލިބި ވަޑައިގަންނަވައެވެ. މިއާއިއެކު ސިޔާމަށް 21،077،937 މިލިއަން ރުފިޔާ ލިބި ވަޑައިގެންފައިވެއެވެ.
ސިޔާމްއަށްފަހު ދެން އެންމެ ބޮޑު މުސާރައެއް ލިބިވަޑައިގެންފައި ވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރު ޙުސައިން ވަޙީދަށެވެ. އޭނާއަށް އެއްއަހަރު ދުވަހުގެ ތެރޭގައި މުސާރައާއި އިނާޔަތުގެ ގޮތުގައި 14 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މުސާރައިގެ ގޮތުގައި 825،876.49 ރުފިޔާ ލިބިވަޑައިގެންފައިވާއިރު ވިޔަފާރި ނަފާއިން 3،423،004.00 ރުފިޔާ އަދި ކުލީގެ ގޮތުގައި، 3،792،000.0 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ކުންފުންޏާއި ޕާޓްނަޝިޕް ފައިދާގެ ގޮތުގައި، 3،000،000.0 ރުފިޔާގެ މާލީ މަންފާ ލިބިވަޑައިގެންނެވި އިރު، އެހެނިހެން ކަންކަމުން 3،080،145.00 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. މިއާއިއެކު ޖުމްލަ 14،121،024 ރުފިޔާ މެމްބަރު ހުސެއިން ވަހީދަށް މާލީ ބަޔާނުގެ މުއްދަތުގެ ތެރޭގައި ލިބިވަޑައިގެންފައި ވެއެެވެ.
މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު، މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް ދާދިފަހުން ވަނީ އިސްލާހު ގެނެސްފައެވެ. ގަވާއިދަށް މި އިސްލާހު ގެންނަން ފާސްކުރީ 62 މެމްބަރުންގެ ވޯޓާއެކުއެވެ.




