ސަންޓްރެވަލްސްގެ އެކައުންޓްތައް ފްރީޒްކޮށްފި

ހިލްޓަން އިންޓަނޭޝަނަލް ކުންފުނީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން މި އަމުރު މިދިޔަ އާދިއްތަ ދުވަހު ނެރެފައިވާއިރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ފޮނުވި އަމުރުގައި ބުނެފައިވަނީ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމަށާއި އަދި އެކައުންޓްތަކުގެ ތަފްސީލުތައް ސިވިލް ކޯޓަށް ފޮނުވުމަށެވެ.

ސަންޓްރެވަލްސްގެ އެކައުންޓްތައް ފްރީޒް ކުރުމަށް އަންގާފައިވަނީ ސަން ޓްރެވަލްސްއާ ދެކޮޅަށް ހިލްޓަން އިން ހުށައަޅާފައިވާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކޮށްފައިވަނީ 2013 ވަނަ އަހަރުއެވެ.

އިރުފުށީގެ ކޮންޓްރެކްޓް ސަން ޓްރެވަލް އިން ބާތިލްކޮށް އެ ރިސޯޓް ހިންގަމުން އަންނަނީ އެ ކުންފުނިން އަމިއްލައަށް، "ސަން ސިޔާމް" ބްރޭންޑްގެ ރިސޯޓެއްގެ ގޮތުގައެވެ. ކޮންޓްރެކްޓް ބާޠިލްކުރި ސަބަބެއް މިހާތަނަށް ސަންޓްރެވަލް އިން ވެސް އަދި ހިލްޓަންއިން ވެސް ހާމަކޮށްފައެއް ނުވެއެވެ.
ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވަލްސް އިން ބާތިލްކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއްގޮތަށް ސަން ޓްރެވަލްސް އިން ފައިސާ ނުދައްކާތީ މީގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ހިލްޓަން އިން މައްސަލަ ހުށަހަޅާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ