މި ހިނގާ ސެޕްޓެމްބަރުމަސް ނިމުމުގެ ކުރިން އިރާގުގައި މިވަގުތު ތިބި އެމެރިކާގެ 5،200 ސިފައިންގެ ތެރެއިން 2،200 ސިފައިންގެ މީހުން އިރާގުން ބާލާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
މެދުއިރުމައްޗަށް އެމެރިކާއިން ކަނޑައަޅައިފައި ހުންނަ އެންމެ އިސް ކޮމާންޑަރ ޖެނެރަލް ކެނެތް މެކެންޒީ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިރާގުގައި މިހާރު ހަރަކާތްތެރިވާ ސިފައިންގެ ތެރެއިން 2،200 ސިފައިންގެ މީހުން ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އިރާގުން ބާލާނެ ކަމަށެވެ.
މީގެއިތުރުން، މެކެންޒީ އިތުރަށް ބުނެފައިވަނީ، އިރާގުގައި ބާކީ ތިބޭ ސިފައިން ހަރަކާތްތެރިވާނީ އިރާގު ސިފައިން ތަމްރީން ކުރުމުގައާއި އަދި ޓެރަރިސްޓް ޖަމާއަތްތަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އިރާގު ސިފައިންނަށް އިރުޝާދު ދިނުމުގައި ކަމަށެވެ.
ނިމިދިޔަ އޮގަސްޓްމަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕްވަނީ އިރާގުގައި ތިބި އެމެރިކާ ސިފައިން ވީ އެންމެ އަވަހަކަށް އެގައުމުން ބާލަން ނިންމައިފައިވާކަން ހާމަކޮށްފައެވެ. ބޭރު ގައުމުތަކުގައި އެމެރިކާ ސިފައިން ކުރާ ހަނގުރާމަތައް ހުއްޓާލައި އެ ސިފައިން އެމެރިކާ އަށް ގެނައުމަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު ޓުރަމްޕް ވީ ވައުދެކެވެ.
އީރާނުގެ އިސް ޖެނެރަލެއްކަމަށްވާ ގާސިމް ސުލައިމާނީ މިދިޔަ ޖަނަވަރީ މަހުގެ ކުރީކޮޅު އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި މަރުވުމާއި ގުޅިގެން އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަންނަނީ އިރާގުގައި ތިބުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތި ވަމުންނެވެ.
މިގޮތުން އިރާގުގެ ޖަމާއަތްތަކުން އަންނަނީ ބަގުދާދުގައި ހުންނަ އެމެރިކާގެ އެންބަސީއަށް އެތައް ޙަމަލާތަކެއް ދެމުންނެވެ. އަދި އެމެރިކާގެ އެންބަސީގައި ހުޅުޖަހައިފައި ވެއެވެ.