އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ހަމަލާދިނުން ހުއްޓާލުމަށް އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތްތަކުން އެއްބަސްވެއްޖެއެވެ.
މީޑިއާއަށް މައުލޫމާތު ދެމުން އީރާނުގެ އެހީތެރިކަމާއެކު އިރާގުގައި ހަރަކާތްތެރިވާ ކަތައިބަތް ހިޒްބުﷲ ޖަމާއަތުގެ ތަރުޖަމާނަކު ވިދާޅުވެފައިވަނީ އިރާގު ސަރުކާރުން، އެގައުމުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިން ބާލާނެ ޓައިމްލައިނެއް ދެއްކުމުން އެ ސިފައިންނާއި ދެކޮޅަށް ހަނގުރާމަވެރި ޖަމާއަތްތަކުންދޭ ހަމަލާތައް ދިނުން ހުއްޓާލައިފައިވާ ކަމަށެވެ.
ތަރުޖަމާން އިތުރަށް ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީމަހު އިރާގުގެ ޕާލަމެންޓުން އެގައުމުގައި ހަރަކާތްތެރިވާ ބޭރު ސިފައިން ބޭލުމަށް ނިންމައިފައިވާ ނިންމުމާއި އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ. އަދި މިކަން ކުރުމަށް ފަހު ތާރީހެއް ކަނޑައަޅައިފައި ނެއްނަމަވެސް އެމެރިކާ ސިފައިން އިރާގުން ފައިބަން ދެކޮޅު ހަދާނަމަ ހަނގުރާމަވެރިންނަށް ލިބިފައިވާ އެންމެހާ ހަތިޔާރެއްގެ ބޭނުން ހިފައިން އެމެރިކާ ސިފައިންނަށް ހަމަލާދޭން ފަށާނެ ކަމަށެވެ.
އިރާގުގެ ޕާލަމެންޓުން އެގައުމުގައި ހަރަކާތްތެރިވާ އެންމެހާ ބޭރު ސިފައިން ބޭލުމަށް ނިންމައިފައިވަނީ އެމެރިކާ ސިފައިން ދިން ޑުރޯން ހަމަލާއެއްގައި މިއަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލުމާއި ގުޅިގެންނެވެ.
މިދިޔަމަހުގެ ތެރޭގައި އެމެރިކާއިންވަނީ އިރާގުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންގެ އަދަދު މަދުކުރަން ނިންމިކަންވެސް ހާމަކޮށްފައެވެ. އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮމާންޑަރު ޖެނެރަލް ފްރޭންކް މެކިންޒީ ވިދާޅުވެފައިވަނީ ސިފައިންގެ އަދަދު 5200 އިން 3000 އަށް މަދުކުރަން ނިންމާފައިވާ ކަމަށެވެ.