ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މީހަކު ގެނައުމުގައި ހިޔާލުތަފާތުވުމަކީ އެއް ބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއް ނޫން ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަޖިލިސް ރައީސް ކަމުގެ ވާދަވެރިކަން އެމްޑީޕީގެ ތެރޭގައި ބޮޑުވެފައިވާއިރު، އެ މަގާމަށް އެންމެ ބޮޑު ވާދައެއް ކުރައްވަނީ ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންފައިވާ ހަސަން އަފީފް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ދެމެދުގައެވެ.
މިމަހުގެ 28 ވަނަ ދުވަހު ހުވާކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ކަނޑައަޅާނެ މެންބަރަކާއި މެދު އުފެދިފައިވާ ބަހުސާއި ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު މިވަނީ އޭނަގެ ހިޔާލު ފާޅު ކޮށްފިއެވެ.
އަހުމަދު މަހުލޫފު ވިދާޅުވީ، ވަކި މީހަކަށް ތާއީދު ކުރުމަކީ އަދި ނުކުރުމަކީ މައްސަލައެއް ނޫންކަމަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ ހިޔާލުފުޅުވެސް ތަފާތު ވެދާނެ ކަމަށެވެ.
"ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ރައީސް ޞޯލިޙް އަދި ރައީސް ނަޝީދުގެ ޚިޔާލުފުޅުވެސް ތަފާތު ވެދާނެ. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއްނޫން." މަޙްލޫފް ވިދާޅުވިއެވެ.
މަޙްލޫފް އިތުރަށް ވިދާޅުވީ، ތަފާތު ޚިޔާލުތަކަށް ޖާގަދޭން ދިވެހިންނަށް ދަސްކޮށްދިނީ އެމްޑީޕީން ކަމަށެވެ.
Vakimeehakah thaaeedhu kurumakee/nukurumakee massalaehnoon.
— Ahmed Mahloof (@AhmedMahloof) May 25, 2019
RJ @ibusolih aai R @MohamedNasheed ge khiyaalfulhuves thafaathu vedhaane.
Eyee ehbayaku anehbayakah vagahgovanjehey kamehnoon.
Thafaathu khiyaalthakah jaagadheyn dhivehinnah dhaskohdhinee MDP.
PPM/PNC vote beynumehnoon.
އަފީފް އާއި އަސްލަމްގެ އިތުރުން ވެސް މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ތެރެއިން ބައެއް ބޭފުޅުން ވާދަކުރައްވައެވެ. އެ ބޭފުޅުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އާ މަޖިލިސް ހުވާ ކުރުން އޮންނާނީ އަންނަ އަންގާރަ ދުވަހު ކަމަށްވާއިރު، އެ ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުން އޮންނާނެއެވެ.