މިއަދުން ފެށިގެން ރާއްޖޭން ބޭރުން އަންނަ ދިވެހިން ފީސީއާރު ސެޓްފިކެޓް ހުށަައަޅަން ނުޖެހޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަނުން ވިދާޅުވިގޮތުގައި ރާއްޖޭން ބޭރުން އަންނަ އިރު ފީސީއާރު ސެޓްފިކެޓް ހުށަައަޅަން ނުޖެހޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުންނާއި ސައްހަ ވޯކްވިސާ ނުވަތަ އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުންނާއި ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުނާއި ފްލައިޓް ކުރޫއިންނާއި އަދި އެއް އަހަރުން ދަށުގެ ކުދަކުދިންނެވެ.
މިއަދުން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވިއެވެ.
ކޮވިޑް-19ގައި ރާއްޖެ ލޮކްޑައުންކުރުމަށްފަހު ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އޭރު ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ނެގެޓިވް ނަތީޖާ އޮންނަ އުސޫލެއް ގާއިމްކޮށްފައިނުވެއެވެ.
އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޮވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.
ފަތުރުވެރިންނަށް ކޮވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހު ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 11،629 ފަތުރުވެރިން ރާއްޖެ ވަނީ ޒިޔާރާތްކޮށްފައެވެ.
ފާއިތުވެ ދިޔަ އޮގަސްޓް މަހު ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ޖުލައި މަހު އެވަރެޖް ކޮށް ދުވާލެއްގެ މައްޗަށް ޒިޔާރަތް ކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 100 ފަތުރުވެރިންނެވެ. ނަމަވެސް އޮގަސްޓް މަހު މި އަދަދު ވަނީ 218 އަށް އިތުރު ވެފައެވެ. އެގޮތުން ނިމިދިޔަ އޮގަސްޓް މަހު ދުނިޔޭގެ އެކިއެކި ޤައުމުތަކުން ވަނީ ރާއްޖެއަށް ޖުމްލަ 7,628 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ.



