ޔޫތް މިނިސްޓަރު އަޙްމަދު މަޙްލޫފް - ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގައި ޕީޕީއެމް އަދި ޕީއެންސީގެ ވޯޓު ބޭނުމެއް ނޫން - މަޙްލޫފް

އަންނަ އަނގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް އަދި ޕީއެންސީގެ ވޯޓް ބޭނުން ނުވާކަމަށް ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެއެވެ.

މަޙްލޫފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމަށް ކުރަމުންދާ ބަހުސްގެ ތެރެއިން މިއަދު މެންދުރުފަހު ކުރެއްވި ޓްވީޓެއްގައެވެ.

"ޕީޕީއެމް/ޕީއެންސީގެ" ވޯޓް ބޭނުމެއް ނޫން" މަޙްލޫފް ވިދާޅުވިއެވެ.

މަހުލޫފުގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ވަކި މީހަކަށް ތާއީދު ކުރުމަކީ އަދި ނުކުރުމަކީ މައްސަލައެއް ނޫންކަމަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައީސް ނަޝީދުގެ ހިޔާލުފުޅުވެސް ތަފާތު ވެދާނެ ކަމަށެވެ.

"ޚިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން. ރައީސް ޞޯލިޙް އަދި ރައީސް ނަޝީދުގެ ޚިޔާލުފުޅުވެސް ތަފާތު ވެދާނެ. އެއީ އެއްބަޔަކު އަނެއް ބަޔަކަށް ވަގަށް ގޮވަންޖެހޭ ކަމެއްނޫން." މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފް މިމޭރުމުން ވާހަކަދެއްކެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމުގެ ރޭހުގައި ޕީޕީއެމް އިން ތާއީދުކުރަނީ އަފީފްއަށް ކަން އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

މަޖިލީހުގައި ޕީޕީއެމް އަދި ޕީއެންސީގެ ވޯޓް ބޭނުން ނޫކަމަށް މަޙްލޫފް ވިދާޅުވިއިރު، އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަގާފައެވެ.

މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި އެމްޑީޕީން ކާމިޔާބު ކުރެއްވިއިރު، ޕީޕީއެމް އަށް ލިބިފައިވަނީ 5 ގޮނޑިއެވެ. އަދި ޕީއެންސީއަށް 3 ގޮނޑި ލިބުނުއިރު ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ 5 ގޮނޑިއެވެ. މަޖިލީގެ 2 ގޮނޑި އެމްޑީއޭއަށް ލިބިފައިވާއިރު، މިނިވަން 7 ކެނޑިޑޭޓަކު މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވިއިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ