ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެ މިނިސްޓްރީގެ ސިޔާސީ ބައެއް މުވައްޒަފުންތަކެއްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.
އޭސީސީން ބުނެފައިވަނީ، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުން އަންނަކަމަށެވެ. އެގޮތުން ބަލަމުންއަންނަ 8 މައްސަލައެއްކަން ފާހަގަކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި އަލީ ވަހީދާއި އަދި އެ މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުކޮށް ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލައެއް ވެސް ބަލަމުން އަންނަ ކަމަށް އޭސީސީ އިން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ކޮށްފައިވާ ހަރަދުތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓްގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީ އިން ގެނަސްދިން ޕީޕީއީތައް ގެނައުމަށް ސައިކޯ ސޯސް އިންޓަނޭޝަނަލް (އެސްއެސްއައި) އާއި އެކު ޓޫރިޒަމް މިނިސްޓްރީ އިން ވެފައިވާ އެއްބަސްވުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަނުވާކަން އޮޓިޑް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ގަނެފައިވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް އެ މިނިސްޓްރީ އިން ގަނެފައި ވަނީ އެތަކެތި ގަތުމަށް ފިނޭންސް މިނިސްޓްރީ އިން ދީފައިވާ ހުއްދަ އާއި އެއްގޮތަށް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުން ހަރަދުކޮށްގެން ތަކެއްޗާއި ހިދުމަތް ހޯދުމަށްފަހު، ގަވާއިދާ އެއްގޮތަށް އެކަންތައްތައް ކޮށްފައިވާކަން ދެއްކުމަށް ލިޔުންތައް އުފައްދާފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އޮޓިޑްރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.