ޓްއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އެމިނިސްޓްރީގެ 15 މުވައްޒަފަކަށް ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ ކުރިކަމަށް ތުހުމަތު ކުރެވި ދައުވާ ވެސް އުފުލާފައިވާ އަލީ ވަހީދު ޝަރީއަތް އޮންލައިންކޮށް ކުރިއަށް ނުގެންދިއުމަށް ސުޕްރީމް ކޯޓުން ކްރިމިނަލް ކޯޓަށް އަމުރުކޮށްފިއެވެ.
މިއަމުރު މިއަދު ނެރުއްވާފައި ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި އަލީ ރަޝީދު އަދި މުހައްމަދު އިބްރާހިމް ސޮއި ކުރެއްވުމަށްފަހުއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ، ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅަންދެން، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ އަލީ ވަހީދުގެ މައްސަލަތަކުގެ އެއްވެސް އަޑުއެހުމެއް، އަދި ކްރިމިނަލް ކޯޓުން ބަލަމުން ގެންދާ އެނޫން މައްސަލައެއްގެ އަޑުއެހުމެއްވެސް ދައުވާ ލިބޭ ފަރާތް ދިވެހިރާއްޖޭގެ ސަރަހައްދުން ބޭރުގައި ވަނިކޮށް، އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށް ނުގެންދިއުމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތީ ކްރިމިނަލް ކޯޓުން އެ ކަމުގެ ހުއްދަ ދިނުމުންނެވެ. ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އަލީއަށް ކޯޓުން ދިނީ އޭނާގެ ބަދަލުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ޖާމިނުވާ ގޮތަށެވެ. ނަމަވެސް، އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ.
އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް ނިންމީ، އިނގިރޭސިވިލާތުގައި ހުރެގެން އަލީ ވަހީދަށް ބައިވެރިވެވޭ ގޮތަށެވެ. ނަމަވެސް ދައުލަތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެހެންވެ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެއީ އިސްތިއުނާފު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ވަނީ ނިންމާފަ އެވެ. އެހެންވެ އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔަ އެވެ.
އެގޮތުން މިދިޔަ މަހުގެ 11 ވަނަ ދުވަހު އޮތް މައްސަލައިގެ ޝަރީއަތަށް ސުޕްރީމް ކޯޓަށް ހާޒިރުވުމަށް އެންގުމުންވެސް، ޝަރީއަތަށް އަލީ ހާޒިރުނުވުމުން ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ 2 މަސް ދުވަހާއި 12 ދުވަހަށް އަލީ ވަހީދު ޖަލަށް ލުމަށްވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.



