އާދަމް ޝަރީފް އުމަރު - ފޮޓޯ: ވަގުތު

ސަރުކާރު ޒިންމާދާރު ކުރެވޭނީ ބަހުސްކުރަން ވަގުތު ކަނޑައަޅާ އުޞޫލު ބަދަލުކޮށްގެން - އާދަމް ޝަރީފް

މަޖިލީހުގައި މެމްބަރުންނަށް ވާހަކަ ދެއްކުމާއި، ބަހުސް ކުރުމަށް ވަގުތު ކަނޑައަޅާފައިވާ އުޞޫލަށް ބަދަލު ގެންނަށް ޖެހޭ ކަމަށް، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ އިންތިޚާބީ މެންބަރު، އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ، މިކަމާއި ގުޅޭގޮތުން ފޭސްބުކްގައި ކުރައްވާފައިވާ ޕޯސްޓެއްގައެވެ.

"އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހަށް ހޮވާފައިވާ މެމްބަރުން މަދުވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ އުޞޫލުތަކާއި ޤަވާއިދުތައް މިހާރު ހުރިގޮތުން، އިދިކޮޅު މެމްބަރުންނަށް މަޖިލީހުގައި ރައްޔިތުންގެ އަޑު އިއްވާ ސަރުކާރު ޒިންމާދާރު ކުރުމަށް ލިބޭ ފުރުޞަތު ވަރަށް ހަނި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ޝަރީފް ވިދާޅުވީ، ސަރުކާރު ޒިންމާދާރު ކުރެވޭނީ އަދި އިދިކޮޅުގެ އަޑު މަޖިލީހުގައި އިއްވޭނެ ހަރުދަނާ އުޞޫލެއް މަޖިލީހުގައި އޮންނަންޖެހޭ ކަމަށެވެ.

"ސަރުކާރު ޒިންމާދާރު ކުރެވޭނީ އަދި އޮޕޮޒިޝަންގެ އަޑު އިއްވޭނެ ގޮތަކަށް މިހާރު މަޖިލީހުގައި މެންބަރުންނަށް ވާހަކަދެއްކުމަށް/ބަހުސްކުރުމަށް ވަގުތު ކަނޑައަޅާ އުޞޫލު ބަދަލުކުރަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑިއާއެކު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ވަނީ ސުޕަ މެޖޯރިޓީ ހޯދާފައެވެ. ސަރުކާރާ އިދިކޮޅު ޕީޕީއެމްއަށް 5 ގޮނޑި ލިބުނުއިރު ޕީއެންސީއަށް ލިބިފައިވަނީ 3 ގޮނޑިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް