ސަރުކާރުން ކުރާ ކަންކަމާމެދު ބަސްބުނާ މުވައްޒަފުންނަށް ފިޔަވަޅު އެޅުން ބަލައި ނުގަނެވޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިޙުތިޖާޖާއި ގުޅިގެން އެމުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާ، ބައެއް މުވައްޒަފުންގެ ވަޒީފާ ދަށްކޮށްފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޕްރޮގްރެސިވް ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ކޯވިޑް 19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ސިއްޙީ ޚިދުމަތްރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް ވަނީ އިޙްތިޖާޖުކޮށްފައި ވާކަމަށެވެ.
މި އިޙްތިޖާޖްގައި ބައިވެރިވި ފަރާތްތަކާމެދު ސަރުކާރުގެ ފަރާތުން ވަރަށް އިހާނެތިކޮށް ޢަމަލުކޮށް ފިޔަވަޅުއަޅާ އަދި ބައެއް ވެރިން ޑިމޯޓްކޮށްފައިވާތީ ކަންބޮޑުވާ ކަމަށްވެސް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
ސަރުކާރުގެ މިއަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި ސަރުކާރުން މުވައްޒަފުންނާ ދޭތެރޭ ވަމުން ދާ އިހުމާލުތަކާއި، ކުރަމުން ގެންދާ ނޭދެވޭ ކަންކަމާއި ގުޅިގެން އިޙްތިޖާޖުކޮށް އަޑު އުފުލުމަކީ ކޮންމެ މުވައްޒަފަކަށްވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެފަދަ މުވައްޒަފުންގެ ކަންބޮޑުވުން އަޑުއަހާ މުވައްޒަފުންނާއި ދޭތެރޭ ހެޔޮކޮށް ޢަމަލުކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެކަމެއް ކަމަށާއި ސަރުކާރުން ކުރާ ކަންކަމާމެދު، ހިތްހަމަނުޖެހުން ފާޅުކޮށް ބަސްބުނާ މުވައްޒަފުންނަށް ފިޔަވަޅު އަޅާ، އެމީހުންގެ ވަޒީފާ ނުވަތަ މުސާރަ ދަށްކުރުމަކީ ޕްރޮގްރެސިވް ކޯލިޝަނުން އެއްވެސް ޙާލެއްގައި ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ހުޅުމާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ސިއްޙީ ޚިދުމަތްތެރިންނާއި، ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ، ކޮވިޑް 19 އާއި ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް ސަރުކާރަށް ގޮވާލާފަ އެވެ.
އިޙުތިޖާޖްގައި ބައިވެރިވި މުވައްޒަފުންނާއި، އެ މުވައްޒަފުން މަސައްކަތްކުރާ ކުތްކުރާ ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ދޭތެރޭ އަޅާފައިވާ ލާއިންސާނީ ފިޔަވަޅުތައް އަނބުރާ ގެންދިއުމަށް ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.



