މިއަދު އިދިކޮޅުން ޒުވާނުން ނިކުމެ ކުރިއަށް ގެންދަންފެށި ސައިކަލު ބުރު ހޫނުވެ ފުލުހުން ނިކުމެ ބައެއް ޒުވާނުން ހައްޔަރުކޮށްފިއެވެ.
މިއދު ފުލުހުންވަނީ ސައިކަލު ބުރުގައި ބައިވެރިވާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެއްވާފައެވެ. ދިވެހިރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، އާންމު ތަންތަނުގައި އެއްފަހަރާ ގިނަ މީހުން އެއްވެ ނޫޅުމަށް ވަނީ އަންގާފައެވެ.
މި ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. ފުލުހުން ވިދާޅުވެފައިވަނީ އިދިކޮޅު މުޒާހަރާ ރޫޅަލުމަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެނަމަ ކުރާނެކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ވެސް ޕީޕީއެމްގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން މާލޭގައި ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. އަދި މި ސައިކަލު ބުރާއި ގުޅިގެން، އެޗްޕީއޭގެ އުސޫލުތަކާއި ހިލާފުވެފައިވާކަމަށްބުނެ، މި ހަރަކާތުގައި އިސްކޮށް އުޅުނު ސިޔާސީ ފަރާތްތައް ފުލުހަށް ހާޟިރުކޮށް ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ.



