މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 59.1 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް 14105 މީހުން އިންކަމް ސަޕޯޓް އެލަވަންސްއަށް އެދި ވަނީ ހުށައަޅާފައެވެ. މީގެތެރެއިން 6388 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އެއީ ޖުމްލަ 59.1 މިލިއަން ރުފިޔާއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.
މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވަނީ އުޞޫލާ އެއްގޮތަށް - އޮޑިޓް ރިޕޯޓްhttps://t.co/rcDDPOsHKy
— Feshun (@feshunonline) September 4, 2020



