ސަރުކާރު ކޯލިޝަން ގުޅިގެން، ފެނިގެންމިދަނީ ގައުމާ ރައްޔިތުންނަށް ގައްދާރުވަމުން ދާތަން ކަމަށާއި މި ގައުމުސަލާމަތް ކުރުންމަކީ ރައްޔިތުންނައް ވާޖިބުވާނެ ކަމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިޅް ވިދާޅުވެއްޖެ އެެވެ.
މުހައްމަދު އިސްމާއިލް މިހެން ވިދާޅުވެފައިމިވަނީ އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން އިއްޔެ މާލޭގައި އިންތިޒާމް ކުރި ސުލްޙަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ހައްޔަރުކޮށްފައިވުމާއި ގުޅިގެންނެވެ.
"މަގެ ދީނާ މަގެ ގައުމާ މަގެ އަމްނާ ނުކުޅެއްޗޭ، ތާރީހުބަލާ އެނގިތިބެ ގައްދާރު ނުވައްޗޭ. ވަރައް ފުރިހަމަ ޅެމެއް އެހެނަސް ފެނިގެންމިދަނީ އެމްޑީޕީ، ޖޭޕީ، އަދާލަރު، އެމްއާރުއެމް ގުޅިގެން ގައުމާ ރައްޔިތުންނައް ގައްދާރުވަމުން ދާތަން. މި ގައުމުސަލާމަތް ކުރުންމީ ރައްޔިތުންނައް ވާޖިބުވާނެ ކަމެއް" މުހައްމަދު އިސްމާއިލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިއްޔެގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.
އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިދިކޮޅުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ ޙަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމްކުރި ޙަރަކާތެއްކަމަށްވެފައި ޒުވާނުން ވަރަށް ސުލްޙަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް ޢަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާ ޚިލާފުވެފައިވާތީ ކަންބޮޑުވާކަމަށެވެ.
އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާނުލާ އެމީހުން ދޫކޮށްލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.
އަދި ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ޤާނޫނުއަސާސީން ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް އިދިކޮޅުގެ މިބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
އިދިކޮޅުން އިއްޔެ ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. އަދި ފުލުހުން މި ސައިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމާއި ގުޅިގެން ވަކި ހިސާބަކުން ސައިކްލްބުރު ހިނގާލުމަކަށް ވަނީ ބަދަލުކޮށްފައެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.




