ޢަލީ ވަޙީދު - ފޮޓޯ: ޓްވިޓާ

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްޤީކުރުމަށް ދޫކޮށްފައިވާ 55 ރަށުގެ މައްސަލަބަލަނީ

އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރަށްރަށާއި ފަޅު ހިމެނޭ ގޮތަށް، ޖުމްލަ 55 ތަނެއް ދޫކޮށްފައިވާ ކަމަށާއި، އެ ތަންތަން ދޫކޮށްފައިވަނީ ޤަވާއިދާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އެސެޓް ރިކަވަރީ ކޮމިޝަނުން ފަށާފައިވާ ކަމަށް، ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

"އަޅުގަނޑުމެންނަށް އެބަ އޮތް، އެސެޓް ރިކަވަރީ ކޮމިޝަނުން ސިޓީ އެއް ފޮނުވާފަ. އެ ތަންތަނުގެ ހެޑް ލީސްޓް ރައިޓްސް އެހެން ފަރާތަކަށް ބަދަލުކުރުމަށް، ނުވަތަ، ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް، ނުވަތަ ސަބް ލީސް ކުރުމަށް އަޅުގަނޑުމެންނަށް ހުށަހަޅައިފިކަމަށްވާނަމަ، އެ ކޮމިޝަނަށް އެކަން އަންގަން ވަނީ އަންގާފަ." މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވިއެވެ.

"މިއީ ވަރަށް މުހިންމު ނިންމުމެއް އިނގޭތޯ. އެއީ އެހެން ނޫނީ މި ރަށްތައް އެ ނެގި މީހުން އެކި މީހުންނަށް ވިއްކާ މުއާމަލާތްތައް ހިންގާ އޭގެ އަސްލު މީހުން އެންމެ ފަހުން މީގެން ބަރީއަ ވެދާނެ. އެހެން ވީމާ އޭގެ ރައްކަލަކަށް މިކަން މި ކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ތަންތަނުގެ މައްސަލަ ތަޙުޤީޤުކޮށް، ވަކި ގޮތެއް ނިމެންދެން، އެތަންތަނާއި ގުޅޭ ހުރިހާ ކަމެއް މަޑުޖައްސާލަން އަންގާފައިވާ ކަމަށާއި، ނޫންނަމަ، ތަޙުޤީޤަށް ހުރަސް އެޅިދާނެ ކަމަށް ޤަބޫލުކުރެވޭ ކަންވެސް އަންގާފައިވާކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީން ދޫކޮށްފައިވާ ފަޅުތަކާއި ރަށްތަކުގެ ތެރޭގައި ހިމެނެނީ، ނ އަތޮޅުން 3 ރަށަކާއި، ރ އަތޮޅުން 11 ރަށަކާއި، ބ އަތޮޅުން 9 ރަށަކާއި، ޅ އަތޮޅުން 1 ރަށަކާއި، މާލެ އަތޮޅުން 1 ފަޅާއި، 11 ރަށަކާއި، އއ އަތޮޅުން 2 ރަށަކާއި، އދ އަތޮޅުން 6 ރަށަކާއި، ވ އަތޮޅުން 4 ރަށަކާއި، މ އަތޮޅުން ރަށަކާއި، ދ އަތޮޅުން 2 ރަށާއި، ތ އަތޮޅުން 3 ރަށާއި، ގއ އަތޮޅުން ރަށެކެވެ.

އެމްއެމްޕީއާރުސީއިން ރަށްތަކާއި ފަޅުތައް ދޫކޮށްގެން އެ ކުންފުންޏަށް ލިބުނު 1.3 ބިލިއަން ރުފިޔާ ސިޔާސީ ފަރާތްތަކަކާއި އަމިއްލަ ކުންފުނިތަކެއް މެދުވެރިކޮށް އެމްބެޒުލްކޮށްފައިވެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ