ބޭރުގައި ދިރިއުޅޭ އާއިލާތައް ނިކަމެތިވާނެ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލާ: އިދިކޮޅު

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި އާއިލާތައް ނިކަމެތިވާނެ އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ހުއްޓާލުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ސަރުކާރަށް ގޮވާލައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން، ކާޑު މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ފައިސާ ނެގޭނެ އަދަދުތަކަށް މިއަދު ގެނެވުނު ބޮޑެތި ބަދަލުތަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ އެތައް ހާސް ދިވެހި އާއިލާތަކެއް ނިކަމެތިވެ، ބިކަވެ، ގޮތްހުސްވާނެކަން ފާހަގަކޮށް، އެފަދަ އަނިޔާވެރި މާލީ ސިޔާސަތުތައް ތަންފީޒުކުރުން ވަގުތުން ހުއްޓާލުމަށް ޕްރޮގްރެސިވް ރެސް ކޯލިޝަނުން ސަރުކާރަށް ހަރުއަޑުން ގޮވާލާ ކަމަށެވެ.

ސަރުކާރުގެ އިޙްމާލާއި ފަސާދަ އަދި ނާޤާބިލުކަމުގެ ސަބަބުން، އިޤްތިޞާދު ހީނަރުވަމުންދިއުމާ ގުޅިގެން ރާއްޖޭގައި ހުރި ބޭރު ފައިސާގެ ރިޒަރވް ވަރަށްބޮޑުތަން ދަށަށްގޮސް، ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާއިރު، މިސަރުކާރުގައި އިޤްތިޞާދީ ސިޔާސަތު ކަނޑައަޅާ، ތަންފީޒުކުރާނެ ޤާބިލު، ތަޢުލީމީ އަދި ތަޖުރިބާކާރު ފަރާތްތަކެއް ނެތުމުން، ސަރުކާރުގެ ނުފޫޒުން ޤައުމީ ބޭންކް ބީ.އެމް.އެލް. މެދުވެރިކޮށް މިއަދު އިޢްލާންކުރި ބޮޑެތި ބަދަލުތަކުގެ ނަތީޖާއަކަށްވާނީ، ގިނަ ބަޔަކަށް ފޫނުބެއްދޭފަދަ ދަތިތަކަކާއި ގެއްލުންތަކެއް ކުރިމަތިވުން ކަމުގައި ވިދާޅުވިއެވެ.

ކޯލިޝަނުން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، އަދި ތަޢުލީމީ އެއްވެސް ފެންވަރެއް، އުރަތްޕެއް ނެތް، ތާކުންތާކު ނުޖެހޭ، ނާޤާބިލް އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް، ރައްޔިތުންގެ މާލިއްޔަތުން، ބޮޑެތި މުސާރަތައް ދީގެން ކުރަމުންދާ ބޭކާރު ހޭދަ މަދުކުރުމުގެ ބަދަލުގައި، އެނގިހުރެ ރައްޔިތުންނަށް ގޯނާކޮށް، އަނިޔާކޮށް، ނިކަމެތިކުރުމަކީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، ސޯލިހު ވެރިކަމުން ބާލާ ވަގުތު ކައިރިވަމުން އަންނަ ކަމުގެ އަލާމާތެއް ކަމުގައެވެ.

ސޯލިހާއި ޝާހިދު އަދި އެހެން ބޮޑުން ކުރަމުންދާ ބޭކާރު ޚަރަދުތަކަށް ޖާގަދީ މަގުފަހިކުރުމަށްޓަކައި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން މަގުމަތިކުރުމަކީ މިކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމެއް ކަމަށާއި ޖުޑިޝަރީ މިނިވަންވާ ދުވަހުން، ރައްޔިތުންނަށް އަނިޔާވެރިވާ މިފަދަ ހުރިހާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާނެ ކަމަށާއި އެފަދަ އެންމެހާ ފަރާތްތައް ދިގު މުއްދަތަށް ޖަލަށް ދާންޖެހޭނެކަންވެސް ފާހަގަކުރާ ކަމަށް ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުންގެ ނޫސް ބަޔާނުގައި އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުގައި ވަޒަންވެރިވެގެން އުޅޭ ދިވެހި އާއިލާތަކަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖައްސަން ދަތިވުމުން ޤައުމުން ބޭރުގައި އުޅޭ ބައެއް ކަމަށާއި ދަރިންނަށް ކިޔަވާދޭން ނުވަތަ އާއިލާ މެންބަރުންނަށް ދާއިމީ ގޮތެއްގައި ބޭސްފަރުވާ ކުރުމަށް ބޭރުގައި އުޅޭ ބައެކެވެ. އެފަދަ އާއިލާތަކަކީ، ރާއްޖޭގައި ތިބި އާއިލާ މެންބަރުން މެދުވެރިކޮށް، ލިބޭ ކުޑަ ކުއްޔެއް ނުވަތަ މުސާރައެއް އަދި އުޖޫރައެއް، ބޭރަށް ފޮނުވައިގެން ދިރިއުޅުން ހަމަޖައްސާ ދިވެހިންކަމުގަޔާއި އެފަރާތްތަކަށް ސޯލިހު މި ޖައްސަމުންދާ ވޭނުގެ ބަދަލު އިންތިޚާބުގައި ރައްޔިތުން ހިފާނެކަން ސޯލިހާއި އެމް.ޑީ.ޕީ ކޯލިޝަނުގެ ބޮޑުން ހަނދާނުގައި ބެހެއްޓުން ބުއްދިވެރިވާނެ ކަމަށެވެ.

މިފަދަ ސިޔާސަތުތަކާމެދު އަވަހަށް ދެވަނަ ވިސްނުކަމަށްގޮސް، ރައްޔިތުންގެ ކިބައިން މައާފަށް އެދި، އެކަންކަން ބަދަލުކުރުމަށް ގޮވާލާ ކަމަށާއި ރައްޔިތުންނާ ދެކޮޅަށް، ރައްޔިތުންގެ އެދުންތަކަށް ބީރު ކަންފަތެއް ދީގެން ވެރިކަމުގައި ހުރެވޭނީ ވަކި މުއްދަތަކަށް ކަމަށް ވިދާޅޫވިއެވެ. ރާއްޖެއިން ބޭރުން މިސަރުކާރަށް މަދަދުވެރިވާ ފަރާތްތަކުގެ ނިވާގައި ފިލާ ތިބެގެން 2023 ގެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެމް.ޑީ.ޕީ ވެރިކަމުގައި ދެމެހެއްޓޭނެ މިންވަރަށް އެހީތެރިކަމާއި މަދަދުވެރިކަމެއް އެފަދަ ފަރާތްތަކަކުންވެސް ނުދެވޭނެ ކަމަށާއި ބާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައިކަން ސޯލިހު ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ