މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ސަލާމަތީކަންކަން އިތުރަށް ވަރުގަދަކުރަނީ

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ކަންކަން އިތުރަށް ވަރުގަދަކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، 19ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުނަށް ބޭއްވި އޮރިއެންޓޭޝަނާއި، މަޖިލީހުގެ އައު ވެބްސައިޓް އަދި 18ވަނަ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ފޮތް ނެރުމަށް މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ، މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައިވާކަމަށެވެ.

"އަޅުގަނޑުމެންގެ ސަލާމަތައި ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ސާޖެންޓް އެޓް އާމް ގިނަ މަސައްކަތްކުރައްވާ. ކުރިއަށް އޮތްތާ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާއިރު އެމްއެންޑީޢެފްގެ އެހީތެރިކަމާއެކު މުވައްޒަފުންގެ ހޭންޑް ބޭގް ސްކްރީން ކުރުމާއި މެންބަރުން ދޮރުން ވަދެވަޑައިގަންނަވާއިރުވެސް ސްކްރީން ކުރެވޭނެ. އެކަމަށް ބަޖެޓް ހޯދުމަށް ރައީސަށް ވާނީ ދަންނަވާފައި. އާންމު ކޮމިޓީންވެސް ވަނީ އެކަން ހަމަޖައްސާދީފައި." ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

އައު މަޖިލީހުގެ ތަޅުމުން ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޖަލްސާތައް ބާއްވާ ތަޅުމުގައި އިލެކްޓްރޯނިކް ކޮންފަރެންސް ސިސްޓަމް ޤާއިމްކުރުމެެވެ. ކުރިން މެންބަރުން ބޭނުންކުރައްވަމުންގެންދެވި ކޮމްޕިއުޓަރު މޮނިޓަރުތަކުގެ ބަދަލުގައި ކޮންމެ މެމްބަރަކަށް މިހާރުވަނީ އައިޕެޑެއް ޚާއްސަކޮށްފައެވެ.
މީގެ އިތުރުން އަލަށް އިފްތިތާޙްކުރި މަޖިލީހުގެ ވެބްސައިޓް މެދުވެރިކޮށް ކޮންމެ މެންބަރަކާގުޅޭ މަޢޫލޫމާތު ފެންނަން ހުންނާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. 

އަދި މެންބަރުންނަށާއި ޢާންމުންނަށް ފެންނާނެގޮތަށް މަޖިލީހަށް ހުށައަޅާ ބިލްތަކުގެ ފުރަތަމަ ކިއުން އިވުމަށްފަހު އެބިލެއް މަޖިލީހުން ފާސްކުރުމާހަމައަށް ހުރިހާ މަރުހަލާއެއްގައި ގެންނަ ބަދަލުތަކާއި މަޖިލީހުގެ ކޮމިޓީތަކުގައި ހިނގާ މަސައްކަތްތައްވެސް ފެންނަން ހުންނާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު ވީޑިއޯ ލައިވް ސްޓްރީމް ވަގުތުން ފެންނާނެކަމަށާ، ކޮމިޓީތައް ކުރިއަށްދާއިރު އެ ކޮމިޓީތައް ހިނގާގޮތުގެ އޯޑިއޯ އަޑުއަހާލެވެން ހުންނާނެކަމަށްވެސް މަޖިލީހުން މަޢުލޫމާތުދެއްވައެވެ. 

މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ، އަލަށް އިފްތިތާޙްކުރެވޭ ވެބްސައިޓާއެކު ރައްޔިތުންގެ މަންދޫބުން ކުރާ މަސައްކަތްތައް ބަލާލުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިވެގެންދާނެކަމަށެވެ. ޚާއްޞަކޮށް ކޮމިޓީ ރިޕޯޓްތަކާއި ބިލްތަކާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބޭނެކަން އަމީން ޢާންމު ފާހަގަކުރެއްވިއެވެ. 

މަޖިލީހުގެ މަސައްކަތްތައް ފެންނާނެ އެޕްލިކޭޝަނެއްވެސް ވަރަށް އަވަހަށް ތަޢާރަފްކުރައްވާނެކަމަށް މަޖިލީހުގެ އިދާރާއިން މަޢުލޫމާތުދެއްވައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް