ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒިޔާދް - ފޮޓޯ: ރައީސް އޮފީސް

ކުރީގެ އިސްލާމިކް މިސްޓަރ ޒިޔާދުގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ކުރީގެ އިސްލާމިކް މިސްޓަރ ޑރ. އަހްމަދު ޒިޔާދުގެ މައްޗަށް ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީ އިން ވިދާޅުވީ ޑރ. ޒިޔާދު ގެ މައްޗަށް ދައުވާކުރުމަށް ފޮނުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދާރުއްޒިކުރާ މިސްކިތް (ޒިކުރާ މިސްކިތް) ޢިމާރާތްކުރުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން އާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ބުނާ މައްސަލަ ތަޙްޤީޤުކޮށް ނިންމުމަށްފަހު ކަމަށެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޒިޔާދްގެ އިތުރުން މި މައްސަލައިގައި އޭރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް ޢަބްދުﷲ ސަޢީދު (މ.މުޙައްމަދީއާބާދު، ކ.މާލެ) ގެ މައްޗައް ދައުވާ ކުރުމަށްވެސް އޭސީސީއިން ވަނީ ފޮނުވާފައެވެ.

މި މައްސަލާގައި ކަންހިނގާފައިވާގޮތް ހާމަކުރަމުން އޭސީސީއިން ވިދާޅުވެފައިވަނީ 1439 ވަނަ އަހަރުގެ ރަމަޟާންމަހުގެ ކުރިން ޒިކުރާ މިސްކިތް ބޭނުންކުރެވޭ ވަރަށް އެ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް އަވަހަށް ފެށުމަށްޓަކައި އާންމުކޮށް ބީލަމަށް ހުޅުވާނުލައި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގެ ހުއްދައަށް އެދި ދެފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ސިޓީ ފޮނުވާފައިވާކަމަށެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ހުއްދަ ނުލިބެނީސް، ތިން ޕްރޮޕޯސަލްއެއްގެ މަޢޫލޫމާތު ހިމަނައި އެ ތިންފަރާތުގެ ޕްރޮޕޯސަލްގެ ތެރެއިން ސަރުކާރަށް އެންމެ ލުއި ގޮތް ހުށަހަޅާފައިވަނީ އެސް.ޖޭ ކޮންސްޓްރަކްޝަނުން ކަމަށް ބަޔާންކޮށް، މި  ޕްރޮޕޯސަލްތަކުގެ މަޢުލޫމާތު ރައީސުލްޖުމުހުރިއްޔާގެ އޮފީހަށް އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވަނީ މި ޕްރޮސެސްއަކީ ކޮމްޕެޓިޓިވް ޕްރޮސެސްއެއްކަން ދައްކަންކަމަށް ތަޙްޤީޤަށް ޤަބޫލުކުރެވޭތީކަމަށެވެ.

އޭރު އިސްލާމިކް މިނިސްޓަރގެ މަޤާމުގައި ހުރި ޑޮކްޓަރ އަޙްމަދު ޒިޔާދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާއިރު، އެ ޕްރޮޕޯސަލްތަކަކީ ކިހިނެއް، ކޮންގޮތަކަށް ހޯދާފައިވާ ޕްރޮޕޯސަލްތަކެއްކަން އެ މިނިސްޓްރީގެ ރެކޯޑްތަކުން އެނގެން ނެތްކަމަށާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީގައި އާންމުކޮށް ކަންކުރާ އުޞޫލު ނޫންކަމަށައި، އަދި އިސްލާމިކް މިނިސްޓްރީއިން އެފަދަ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވާ އެއްވެސް މުވައްޒަފަކު އެ ޕްރޮޕޯސަލްތައް ހޯދުމުގައި ބައިވެރިވެފައި ނުވާކަންވެސް ތަޙްޤީޤަށް އެނގިފައިވާކަމަށް އޭސީސީއިން ވަނީ ވިދާޅުވެފައެވެ.

އޭސީސީއިން ވިދާޅުވީ އެމަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤުގައި ހޯދާފައިވާ ކިތާބީ ހެކިތަކުންނާއި، ޝަފަޙީ ހެކިތަކުން ސާބިތުކުރެވޭތީ، ޑޮކްޓަރ އަޙްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހި ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 512 ވަނަ މާއްދާ އާއި 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމީކަމަށެވެ.

އަދި މި އެއްބަސްވުމުގައި ހުރި ކަންކަމަށް ބަލާއިރު، ދަޢުލަތަށް ފައިދާއެއް ވާންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ތަޙްޤީޤަށް ފާހަގަކުރެވޭތީއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ ފަރާތުން މި އެއްބަސްވުމުގައި ޑޮކްޓަރ އަޙްމަދު ޒިޔާދު ސޮއިކޮށްފައިވާތީ، މިކަމުގެ ސަބަބުން ދަޢުލަތަށް ބޮޑެތި ގެއްލުން ލިބި، އެސް.ޖޭ ކޮންސްޓްރަކްޝަންއަށް ނަޖާއިޒް ފައިދާ ލިބިފައިވާތީ، ޑޮކްޓަރ އަޙްމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ގާނޫނު ނަންބަރު  9/2014ދިވެހި ރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި، ގާނޫނު ނަންބަރު  2/2000ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

ޒިކުރާ މިސްކިތް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޕްރޮޕޯސަލްތައް ހޯދާފައިވާއިރު، އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެސް.ޖޭ ކޮންސްޓްރަކްޝަންއަށް މި މަޝްރޫޢު ޙަވާލުކުރުމަށް މަސައްކަތްކޮށްފައިވާކަމަށައި، ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އިބްރާހީމް ޢަބްދުﷲ ސަޢީދު ބިން ޙަވާލުކުރާ ލިޔުމުގައި ސޮއިކޮށް، ޒިކުރާ މިސްކިތް ހުރި ބިން އެސް.ޖޭ ކޮންސްޓްރަކްޝަންއާ ޙަވާލުކޮށްފައިވާކަމަށްވެސް އެސީސީއިން ވަނީ ވިދާޅުވެފައެވެ.

4 މާރޗް 2018 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާގޮތަށް އެސް.ޖޭ ކޮންސްޓްރަކްޝަންގެ ޕްރޮޕޯސަލްގައި ޒިކުރާ މިސްކިތް ޢިމާރާތްކޮށްދިނުމަށް އެފަރާތުން ހިމަނާފައިވަނީ، އެ މަޢުލޫމާތުތައް އެފަރާތަށް އިބްރާހީމް ޢަބްދުﷲ ސަޢީދު ދީގެންކަމަށް ބެލެވޭ ކަމަށާއި، އަދި އިބްރާހީމް ޢަބްދުﷲ ސަޢީދު އާއި އެސް.ޖޭ ކޮންސްޓްރަކްޝަންއާ ދެމެދު މަސްލަޙަތު ފުށުއަރާފަދަ ގުޅުން އޮންނަކަން ތަޙްޤީޤަށް ފާހަގަކުރެވޭތީކަމަށް އެސީސީއިން ވިދާޅުވެފައިވެއެވެ.

ޒިކުރާ މިސްކިތް ޢިމާރާތްކުރުމަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ބޭނުންވާނެ މަޢުލޫމާތުތައް ހިމަނާފައިނުވާއިރު، އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ޙައިސިއްޔަތުން އިބްރާހީމް ޢަބްދުﷲ ސަޢީދު އެ ޕްރޮޕޯސަލްތަކާ ގުޅޭ ޓެކްނިކަލް ރިޕޯޓެއް ތައްޔާރުކޮށް، އެ ރިޕޯޓުގައި އެސް.ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތްކަމަށް ބަޔާންކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށްކަން ތަޙްޤީޤު ސާބިތުވާކަމަށްވެސް އޭސީސީއިން ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން އިބްރާހިމް ޢަބްދުﷲ ސަޢީދު (މ.މުޙައްމަދީއާބާދު، ކ.މާލެ) ގެ މައްޗަށް ގާނޫނު ނަންބަރު 9/2014 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ