ހަނގުރާމައިގެ ޖަރީމާތަކާއި ގުޅިގެން ކާރްގެ ކުރީގެ އޮފިސަރެއް ހައްޔަރު ކޮށްފި

ހަނގުރާމާއިގެ ޖަރީމާތައް ހިނގި ކަމުގެ ތުހުމަތުގައި ސެންޓުރަލް އެފްރިކަން ރިޕަބްލިކު (ކާރް)ގެ ކުރީގެ އޮފިސަރެއް ފުރާންސުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

އޭއެފްޕީ ނިއުސް އެޖެންސީ އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ހަނގުރާމާއިގެ ޖަރީމާތައް ހިނގި ކަމުގެ ތުހުމަތުގައާއި އަދި އިންސާނިއްޔަތާއި ހިލާފު އަމަލުތައް ހިނގި ކަމުގެ ތުހުމަތުގައި ފުރާންސުގެ އިރުމަތީގެ ސަރަހައްދަކުން ހައްޔަރުކޮށްފައިވަނީ އެރިކް ޑެންބޯއީ ބަގާލް ނަމަކަށް ކިޔާ ކާރްގެ ކުރީގެ ރައީސްގެ ގާޑެކެވެ.

އެރިކް ޑެންބޯއީ ބަގާލްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ 2013 ވަނަ އަހަރު އޭރު ކާރްގެ ރައީސް ކަމުގައި ހުންނެވި ބޭފުޅާ މަގާމުން ދުރުކުރުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެގައުމުގައި ހިމެނޭ މުސްލިމުންގެ އެތައް ބަޔެއް ލާއިންސާނީ ގޮތަކަށް މަރާލި ކަމުގެ ތުހުމަތެވެ.

ކާރްގެ ރައީސް މަގާމުން ދުރުކުރުމާއި ގުޅިގެން އޭރު އުފެދުނު ހަމަނުޖެހުން ތަކުގައި އެތައްހާސް ބަޔަކުވަނީ މަރުވެގެން ގޮސްފައެވެ. އަދި މި ހަމަނުޖެހުންތައް ހިނގުމުގައި ހަރަކާތްތެރިވެފައިވަނީ ކާރްގެ ނަސޯރާ ދީނުގެ އަހުލުވެރިންނެވެ.

ކާރް އަށް 1960 ވަނަ އަހަރު ފުރާންސުގެ ކިބައިން މިނިވަންކަން ލިބުނުފަހުން މިއަދާއި ހަމައަށްވެސް އެގައުމުގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންނެވެ. ކާރްގައި ހަމަޖެހުން ގާއިމް ކުރުމަށް މިދިޔަ އަހަރުވަނީ މައި ސަރުކާރާއި ހަނގުރާމަވެރި 14 ގުރޫޕަކާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ނަމަވެސް މިހާރުވެސް އެގައުމުގައި ހިނގާ ހަމަނުޖެހުންތަކަށް ހުއްޓުމެއް އައިސްފައެއް ނުވެއެވެ.

އ.ދ ގެ ރެފިއުޖީ އެޖެންސީއިން ބުނެފައިވަނީ، ކާރްގައި ހިނގާ ހަމަނުޖެހުންތަކާއި ގުޅިގެން މިލިއަނަކަށްވުރެ ގިނަ މީހުންވަނީ އެގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ