މުސާރަ ނުދޭތީ ކަމަށް ބުނެ، ހުޅުމާލޭގައި ބިދޭސީންތަކެއް މިއަދު މުޒާހަރާ ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 12:20 ހާއިރު ބިދޭސީންތަކެއް މުސާރަ ނުލިބޭތީ އެ މީހުން މަސައްކަތް ކުރާ ކުންފުނީގެ އޮފީސް ކައިރިއަށް އެއްވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި ފުލުހުން އެމީހުންނާއި ވާހަކަދެއްކުމުން އެތަނުން އެ މީހުން ގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރަ ނުލިބޭތީ މުޒާހަރާ ކޮށްފައިވަނީ ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓުތައް ހަދަމުންދާ އައިލެންޑް އެކްސްޕާޓް ކުންފުނީގެ ބިދޭސީންތަކެކެވެ. އެހެން ނަމަވެސް މި މުޒާހަރާގެ އިތުރު ކުންފުނިތަކުގެ ބިދޭސީ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު، ވެސް ބ. ބޮޑުފިނޮޅުގައި ރިސޯޓު ހަދަމުން އަންނަ، ރިޒް ކުންފުނީގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭތާ ހަމަސް ދުވަސްވެފައިވާތީ އެރަށުގައި ވަނީ ބޮޑު ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ މައްސަލާގައި 19 ބިދޭސީއަކު ހައްޔަރުކޮށް، އެމީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.




