އެމެރިކާއިން ސީރިއާއަށް އިތުރު ސިފައިން ފޮނުވަން ނިންމައިފި

ސީރިއާގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި ރަޝިއާ ސިފައިންނާ ދެމެދު މިފަހަކަށް އައިސް ހިނގާ ކުދިކުދި ކުރިމަތިލުންތައް އިތުރުވާން ފަށައިފައި ވުމާއެކު އެމެރިކާ ސިފައިންގެ ރައްކާތެރިކަމަށް އިތުރު ސިފައިންނާއި ހަނގުރާމަމަތީ އުޅަނދުތައް ސީރިއާއަށް ފޮނުވަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ސީރިއާގެ އިރުއުތުރު ސަރަހައްދައް ފޮނުވަން ނިންމައިފައިވަނީ ހަ "ބުރެޑްލީ ފައިޓިން ވެހިކަލްސް" އާއި 100 އާއި ގާތްކުރާ އަދަދަކަށް ސިފައިންނެވެ.

ސީރިއާގެ އިރުއުތުރު ސަރަހައްދުތަކުގައި ފޯރިމެރުމަށް ހަރަކާތްތެރިވާ އެމެރިކާ ސިފައިންނާއި އަދި ރަޝިއާގެ ސިފައިންނާއި ދެމެދު ހިނގާ ކުރިމަތިލުންތައް މިއަހަރުތެރޭވަނީ ވަރަށް ބޮޑުތައް އިތުރުވެގެން ގޮސްފައެވެ. އެމެރިކާގެ ނޭވީ ކެޕްޓަން ބިލް އަރބަން ބުނެފައިވަނީ އިތުރު އެމެރިކާ ސިފައިންނާއި ހަނގުރާމައިގެ ވެހިކަލް ސީރިއާއަށް ފޮނުވަނީ ކޯލިޝަން ފައުޖުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެމެރިކާ ސިފައިންނާއި އަދި ރަޝިއާ ސިފައިންނާއި ދެމެދު ދޭތެރެ ދޭތެރެއިން އެކިވަރުގެ ކުރިމަތިލުންތައްވަނީ ހިނގައިފައެވެ. ނަމަވެސް، ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭގައި ސީރިއާގެ އިރުއުތުރު ސަރަހައްދުތަކުގައި މި ދެގައުމުގެ ސިފައިންގެ މެދުގައި ހިނގި މިފަދަ ކުރިމަތިލުންތައްވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައެވެ. މިގޮތުން މިދިޔަ މަހުގެ ފަހުކޮޅު ހިނގި މިފަދަ ކުރިމަތިލުމެއްގައި އެމެރިކާ ސިފައިންގެ ހަތްމީހަކަށްވަނީ އަނިޔާވެސް ވެފައެވެ.

ރަޝިއާ ސިފައިން ސީރިއާގައި ހަރަކާތްތެރިވަމުންދަނީ އެގައުމުގެ ސަރުކާރަށް ގައުމުގެ ސުލްހަ މަސަލަސްކަން ގާއިމް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އަދި އެމެރިކާ ސިފައިން ސީރިއާގައި ހަރަކާތްތެރިވަމުންދަނީ ސީރިއަން ޑިމަކްރެޓިކް ފޯސަސް (އެސްޑީއެފް) އަށް އަސްކަރީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ.

އަރަބް ސުޕްރިންއާއެކު ސީރިއާގައި 2011 ވަނަ އަހަރު ކުރަން ފެށި ދާހިލާ ހަނގުރާމައާއި ގުޅިގެން މުޅި ސީރިއާ އެކީހެންވަނީ ހަލާކުވެގެން ގޮސްފައެވެ. އަދި މި ހަމަނުޖެހުންތަކުގެ ބޭނުން ހިފައި ސުލްހަ ގާއިމް ކޮއްދިނުމުގެ ނަމުގައި ބޭރުގެ ބޮޑެތި ބާރުތަކުން އަންނަނީ ސީރިއާގައި އެބައިމީހުންގެ އަސްކަރިއްޔާގެ ފައުޖުތައް ހަރަކާތްތެރި ކުރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ