ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. އެ ހުކުމް އޭނާގެ މައްޗަށް އިއްވީ ދެ ފިސްތޯލަ އާއި ތިން ވަޒަން ގެންގުޅުނު ކަމަށް ބުނެ އެވެ.
ކުރިމިނަލް ކޯޓުން އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމް އިއްވީ އަދީބު، ދެ ފިސްތޯލަ އާއި ތިން ވަޒަން، 2015 އަހަރުގެ މޭޑޭގައި އަދި އޭގެ ފަހުން ވެސް ގެންގުޅުނު ތަން ފެނުނު ކަމަށް ދެ ހެކިވެރިޔަކު ހެކި ބަސް ދިނުމުންނެވެ. ނަމަވެސް އެ ފިސްތޯލަ އާއި ވަޒަންތައް ފުލުހުންނަށް ހޯދިފައެއް ނުވެއެވެ.
މިމައްސަލައިގައި އަދީބު 10 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް އޮތީ ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން މިއަދު އިއްވެވި ހުކުމްގައި ބުނެފައިވަނީ އަދީބު، ފިސްތޯލަ ގެންގުޅުނުކަން ސާބިތުވާނެ އެއްވެސް ހެއްކެއް އަދި ދަލީލެއް ވެސް ދައުލަތުގެ ފަރާތުން އެ މައްސަލާގައި ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެކަމަށް ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އިއުތިރާފުވެފައިވާކަން ހުކުމްގައި ފާހަގަކުރި އެވެ.
އެ މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ މައްސަލާގައި ސްޓޭންޑް ބަދަލުކޮށް، ހުކުމް ބާތިލްކޮށް ދޭން އެދިފަ އެވެ. އެގޮތަށް އެދުނީ، މައްސަލަ ސާބިތުވާ މިންވަރުގެ ހެއްކެއް ހުށަހެޅިފައިނެތް ކަމަށް ދައުލަތުން ވެސް ގަބޫލު ކުރާތީ އެވެ.
ހުކުމުގައި ބުނެފައިވަނީ، އެ ދެ ފިސްތޯލަ އާއި ތިން ވަޒަން ފުލުހުންނަށް ހޯދިފައި ނެތް ކަަމަށާއި އެއާ ގުޅޭ އެކްސްޕާޓެއްގެ ރިޕޯޓެއް ވެސް ނެތްކަމަށެވެ. އަދި ހެކި ބަސް ދިން މީހުންނަކީ އެ ފިސްތޯލައަކީ ގާނޫނުގައި ބުނާ ފަދަ މަނާ ހަތިޔާރެއްކަން ދެނެގަތުމުގެ ފަންނީ ބައެއްކަން އެނގެން ނެތް ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އެހެންކަމުން އަދީބު ގެންގުޅުނު ކަމަށް ބުނާ ފިސްތޯލައަކީ ގާނޫނީ ގޮތުން މަނާ ހަތިޔާރެއްކަން ސާބިތު ނުވާ ކަމަށެވެ.
ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓުގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.
އަދީބުގެ މައްޗަށް ހިޔާނާތުގެ މައްސަލައެއްގައި އަށް އަހަރުގެ ޖަލު ހުކުމެއް ވެސް ވަަނީ އިއްވާފަ އެވެ. އޭނާގެ މައްޗަށް މިހާރު އޮތީ އެ އަށް އަހަރުގެ ޖަލު ހުކުމް އެކަންޏެވެ. އޭނާ ޖަލުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު މިހާރު ވަނީ ހޭދަކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން އަދީބު މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ.
ހިޔާލު
Haha