ޏ. ފުވައްމުލައް ކަރިއްޔާވިލާ މުހައްމަދު އަމީން

އަމީން މިނަވަންކުރަން ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

އައިއެސް ޖަމާއަތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް ލީޑަރު ކަމަށް ބުނާ، ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ބާތިލުކޮށް އޭނާ މިނިވަން ކުރުމަށް ހައި ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

އަމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ.

ހައި ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު މި ހުކުމްތައް ބާތިލްކޮށްފައިވަނީ ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ހަމަވެފައިވާ ކަމަށް ނިންމުމަށްފަހުއެވެ. އަދި ކްރިމިނަލް ކޯޓުގައި އަމީންގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ހައި ކޯޓުގެ އެ ހުކުމާ އެކު އަމީން ވަނީ މިނިވަންވެފައެވެ. ނަމަވެސް އޭގެ ފަހުން އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ވަނީ ނެރެފައެވެ. އަދި ނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން ހަމަ އެ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވަނީ ސްޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުގެ ހުކުމް ބާތިލްކުރުމަށް ވަނީ ނިންމައިފައެވެ.

މި ހުކުމްގައި ބުނެފައިވަނީ، އަމީނަށް ކުރި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި ކްރިމިނަލް ކޯޓުގައި އެ މައްސަލަ ގޮސްފައި އޮތް ހިސާބުން ފެށިގެން އެ މައްސަލަަ ކުރިއަށް ގެންދަން އަމުރުކުރާ ކަމަށެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ، ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހަކު ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރިޔަސް، އެ މީހެއްގެ މައްޗަށް ދައުވާ ކުރުމުގައި ހިނގާނީ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ މުއްދަތުގެ ކަމަށެވެ. އަދި ޓެރަރިޒަމްގެ ތުހުމަތުގައިވާ މީހުން ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބަންދު ކުރެވޭނެ ކަމަށް ގާނޫނުގައި އޮތީ ހަމައެކަނި ބަންދާ ގުޅޭ ކަންކަމުގައި އެކަނި ކަމަށާއި އަދި ދައުވާ ކުރުމުގެ މުއްދަތަށް ޖިނާއީ އިޖްރައާތުގެ ގާނޫނު ނުހިނގާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ގާނޫނެއްގެ މާއްދާތައް މާނަކުރަން ޖެހޭނީ އެ ގާނޫނުގެ ހުރިހާ މާއްދާތަކަށާއި ގާނޫނުގެ މަގްސަދަށް ބަލައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަމީންގެ މައްސަލާގައި ހައި ކޯޓުން ގާނޫނު މާނަކުރީ އެ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކޮށްފައިވާއިރު، އަމީނަކީ ކުށްވެރިއެއް ކަން ދޭހަވާ ގޮތަށް އަދި އޭނަގެ ހައްގަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން ހަބަރު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ. އެގޮތަށް އަމުރު ނެރުނީ އަމީންގެ ފޮޓޯއެއް އެޑިޓް ކުރުމަށްފަހު މީޑިއާއަކުން އާންމު ކުރުމުންނެވެ.

އަމީނަކީ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ދަށުން ހައްޔަރުކޮށް، ދައުވާކުރި ފުރަތަމަ މީހާ އެވެ. އަމީން މިއަދު މިނިވަންވެގެންދާއިރު އަމީނަކީ އައިއެސް ޖަމާއަތާ ގުޅިގެން އަފްޣާނިސްތާނުގެ ޚުރާސާނަށް ދިވެހިން ފޮނުވި މީހެއް ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ

އަމީނަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެ މައްސަލާގައި ހައްޔަރުކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ރާއްޖޭން ބޭރަށް ގޮސްފަ އެވެ. އޭނާ ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެ، ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު ދޫކޮށްލީ އެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ