އެޗް.ޕީ.އޭ ގެ ގައިޑްލައިންގައި ރައްޔިތުންނަށް ވަކި އުޞޫލުތަކެއް، ސަރުކާރުގެ ބޮޑުންނަށް ވަކި އުޞޫލުތަކެއް އޮތުން ބަލައެއް ނުގަނެވޭކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ޒިޔާރަތްކުރުމަށްފަހު ޤައުމަށް އެނބުރި އަންނަ ރައްޔިތުން 14 ދުވަހުގެ ކަރަންޓީނުގައި އެކަހެރިވެ ހުންނަންޖެހޭ އުޞޫލަށް، ސަރުކާރުގެ އިސްވެރިން ޢަމަލުކުރަމުން ނުދިޔުމަކީ ބަލައިގަނެވޭކަމެއް ނޫންކަމަށެވެ.
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދުބާއީއިން އައި އެމިރޭޓްސް އެއަރލައިންގައި ރާއްޖެއައުމަށްފަހު، ރަސްމިއްޔާތެއްގައި ބައިވެރިވުމުން އެޗް.ޕީ.އޭ ގެ ޢާންމު ގައިޑްލައިނާ ޚިލާފުވެވަޑައިގެންފައިވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ފާޑުކިޔައިފައެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ، ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރުމަށްފަހު ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެނބުރި ރާއްޖެ ވަޑައިގަތީ 19 ސެޕްޓެމްބަރުގައި، ދުބާއީއިން އައި އެމިރޭޓްސް އެއަރލައިންގެ ފްލައިޓުންކަމަށާއި، ވިދިގެން އައި ދުވަހު، ސްޓޭޓް ބޭންކް އޮފް އިންޑިޔާއަށް ޓްރެޜަރީ ބޮންޑް ވިއްކައިގެން ބޮޑު ލޯނެއް ނެގުމާ ގުޅުންހުރި ރަސްމިއްޔާތުގައި، ގިނަބަޔަކު އެއްކޮށްގެން، މިނިސްޓަރ ޝާހިދުހަރަކާތްތެރިވެވަޑައިގަތުމުން އެކަމާ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.
މީގެ އިތުރުން މި ނޫސްބަޔާނުގައި ބުނެފައިވަނީ، މިފަދަ ޒިންމާދާރު އަމަލުތައް، ސަރުކާރުގެ އެންމެ އިސްވެރިންގެ ކިބައިން ފެނުމަކީ އެޕާޓީން
ކަންބޮޑުވާކަމެއްކަމަށެވެ. އަދި، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އެކި ފަރާތްތަކުން އެޗް.ޕީ.އޭ ގެ ގައިޑްލައިނާ ޚިލާފުވަމުން ދާއިރު، އެއްވެސް ފިޔަވަޅެއް އަޅަން އެޗް.ޕީ.އޭ އިން ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަކުރާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
"ރައްޔިތުންނަށް އެއް އުޞޫލެއް، ބޮޑުންނަށް ވަކި އުޞޫލެއް އޮންނަ އޮތުން ވަގުތުން ދޫކޮށްލާ،މިނިސްޓަރަކަސް މަޖިލީހުގެ ރައީސަކަސް މިފަދަ ޢާންމު ޞިއްޙަތާ ގުޅޭ ކަންކަމުގައި އޮންނަންވާނީ ރައްޔިތުންނާ އެއްއުޞޫލެކެވެ." މި ނޫސްބަޔާނުގައި އިދިކޮޅުން ކޯލިޝަނުން ބުނެފައިވެއެވެ.




