ކުރިއަށް އޮތް ރިޔާސީ ދައުރު ވެރިކަން ލިބުނަސް، މިހާރު ހިނގަމުންދާ އެއްވެސް ތަރައްޤީގެ މަޝްރޫއެއް ހުއްޓައި ނުލައްވާނެކަމަށް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕޭނުގެ ފުރަތަމަ މަންޒިލްގެ ގޮތުގައި ހދ. ހަނިމާދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، އެ ކޯލިޝަނަކީ ތަރައްޤީގެ ފިކުރުގެ ސިޔާސީ ޕާޓީއެއް ކަމަށާއި، އެއްވެސް ތަރައްޤީގެ މަސައްކަތެއް ހުއްޓައިނުލައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ނެތިން ރަށަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލާކަށް. ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން. މި ޕާޓީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ." މުއިއްޒު ވިދާޅުވިއެވެ.
އެއާޕޯޓްގެ މަޝްރޫއުއަކީ ރަށަށް ފައިދާވާ ގޮތައް ކުރިއަށްދާނަމަ ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށާއި، އެރަށުން ލިބެން ހުންނަ ތަކެތި އެރަށުން ހޯދައިގެން އެމަސައްކަތް ކުރިއަށް ގެންގޮސް އަދި ވަޒީފާ ދެވޭ ފަރާތްތަކުގެ ވަކި އިންސައްތައެއް ނަމަވެސް އެރަށުގެ މީހުންނަށް ހާއްޞަކުރެވިއްޖެނަމަ އެރަށަށް ފައިދާ ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރަށްވުރެ މާރަނގަޅަށް ރަށަށް ފައިދާވާނެ ގޮތައް ކަންކަން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތްވެސް ކުރިއަށްދަނީ މި ސަރުކާރުގެ އެހެނިހެން މަޝްރޫއުތަކެކޭ އެއްގޮތަށް މަޑު ދުވެލީގައި ކަމަށެވެ. ނަމަވެސް މުއިއްޒުއަށް ވެރިކަން ލިބިވަޑައިގެންފިނަމަ މިހާރަށްވުރެ ރަނގަޅަށް މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ އިސްކަމެއްދެއްވައިގެން ކުރައްވާ މަސައްކަތަކީ ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިނިވަންކުރުން ކަމަށް މުއިއްޒު ހަނިމާދޫގައިވެސް ވިދާޅުވިއެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތައް ކާމިޔާބުވެފައި ނުވި ނަމަވެސް ރިޔާސީ އިންތިޚާބު ކާމިޔާބު ކާމިޔާބުކޮށް ރައީސް ޔާމީން މިނިވަން ކުރުމުގައި އެންމެހާ ސަޕޯޓަރުން ބައިވެރިދެއްވުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.