އައްޑޫ ސިޓީގެ 4 ސަރަހައްދެއް ހިމާޔަތްކޮށްފި

އައްޑޫ ސިޓީގައި ހިމެނޭ ތިމާވެށީގެ ގޮތުން ހާއްސަ ހަތަރު ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި ކޭވަކާ ގޮނޑޮ، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދު ހިމާޔަތްކުރަން ނިއްމަވައިފައެވެ.

މި ހަތަރު ސަރަހައްދު ހިމާޔަތްކޮށްފައިވާ ސަރަހައްދުތައްކަމުގައި މިއަދު ކަނޑައަޅާ ގެޒެޓްކޮށްފައިވާއިރު، އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ، 22 ސެޕްޓެންބަރު 2020 އިން ފެށިގެން އައްޑޫ ސިޓީގެ ކުޑަ ކަނޑު ސަރަހައްދާއި މާކިޅި އާއި ފެހެލެ ކިޅި ސަރަހައްދާއި، މާފިށި ކިޅި ސަރަހައްދާއި، މަތި ކިޅި ސަރަހައްދުތަކަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމުގައި ހަމަޖައްސާ މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރާކަމަށެވެ.

މި ސަރަހައްދު ބެލެހެއްޓުމުގައި ޢަމަލު ކުރާނީ (ގަވައިދު ނަންބަރު: 2018/R-78 ) ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވައިދު ގައިވާގޮތުގެ މަތިންކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަޙައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަޙައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ