ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 11 ޕަސެންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 10 ޕަސެންޓް ވަނީ ނިމިފައި ކަމަށެވެ.
އެކުންފުނިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން 9،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ޖެހުން ހިމެނޭ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 21.91 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްލަފާ ކުރެވެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 10 ޑިސެމްބަރ 2019 ގައެވެ. މި މަޝްރޫޢަކީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.




