ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމަށް ނަގާ ވޯޓުގެ ވަގުތު ކުޑަތަންވެފައި ވަނިކޮށް، މާލޭ ސިޓީގެ މޭޔަރު ޝިފާ މުޙައްމަދު ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުގެ އިނގިލި ދިއްކުރައްވައިފިއެވެ.
މިރޭ އެމްޑީޕީގެ އެތެރޭގައި ނަގާ ވޯޓާއި ގުޅުވައި ޝިފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންތިޚާބަށް ޚަރަދުކުރި ފައިސާ ދޭނެކަމަށާއި، ވަޒީފާތައް ކަށަވަރު ކޮށްދޭން ބުނެގެން ވޯޓް ހޯދަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އިންތިޚާބަށް ދިޔަ ފައިސާ ޚަރަދު ދޭނެކަމަށްބުނެ، ވަޒީފާ ކަށަވަރު ކޮށްދޭނެކަމަށްބުނެ ޕާޓީ ވޯޓް ހޯދަން މަސައްކަތްކުރީމަ ހުތުރު" އެމްޑީޕީ ރަސްމީ ޓްވިޓަރ ޓެގްކުރައްވައި ޝިފާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
Rayathun beynunmi gaumu hamajehun. Inthihaabah dhiya faisaa haradhu dhenkamahbune vazeefaathah kashavaru kohdheynaneybune partyvote hoadhan mahsahkai kureema huthuru. @MDPSecretariat
— Shifa Mohammed? (@SifaMohammed) May 27, 2019
ޝިފާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ޕާޓީ ދެފަޅިކޮށްލާފައި އިށީންނާނެ ގޮނޑިއެއް ނުހުންނާނެ ކަމަށާއި، އެފަދަ ގޮތަކަށް ޢަމަލުކޮށްފައި ކޯޓު ތުރުކުރެއްވިޔަސް ރައްކާތެރި ކުރެވޭނެ އަބުރެއްވެސް ނޯންނާނެ ކަމަށެވެ.
"ނަފްސު ވިއްކާލާފައި، ޕާޓީ ދެފަޅިއަށް ބަހާފައި، އިށީންނާނެ ގޮނޑިއެއް ނުހުންނާނެ. ކިތަންމެ ބޮޑު ކޯޓެއް ލިޔަސް ރައްކާތެރިކުރާނެ އަބުރެއްވެސް ނޯންނާނެ." ޝިފާ ވިދާޅުވިއެވެ.
Nafsu vihkaalaafa Party dhefalhiahbahaafa isheenaaneka godieh nuhunaane . Kithanme bodu coutehliyas rahkaatherikuraane aburehvesnoannaane. Rayathun votedhini Party ekathigandehgaa masahkaikoh # Agenda19 . @MDPSecretariat
— Shifa Mohammed? (@SifaMohammed) May 27, 2019
އިތުރަށް ޝިފާ ވިދާޅުވީ، ރައްޔިތުން ބޭނުންވީ ހަމަޖެހުން ކަމަށާއި، ރައްޔިތުން ވޯޓު ދިނީ ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށެވެ. ޝިފާ ތާއީދުކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އަސްލަމް އަދި ނައިބަކަށް އީވާ ގެނައުމަށެވެ.
ޝިފާ މިމޭރުމުން ވާހަކަދެއްކެވިއިރު، މަޖިލިސް ރައީސް އަދި ނައިބު ރައީސް ހޮވުމުގެ ބަހުސްތައް ވަނީ ފޯރި ގަދަވެފައެވެ. ރައީސް ޞޯލިޙް ތާއީދުކުރައްވަނީ އަފީފްއަށް ކަމަށް ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ތާއީދު ކުރައްވަނީ އަސްލަމް އަށް ކަމަށް އަޑުތައް ފެތުރިފައިވެއެވެ.