ނަވަލްނީ ހޮސްޕިޓަލުން ދޫކޮށްލައިފި

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަރުމަނުގެ ބާރލިންގައި ހުންނަ ޝެރިޓޭ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހު ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުއްޓައި ހާލު ދެރަވެގެން އަނބުރައި ސައިބީރިއާއަށް ގެނެސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ޖަރުމަނަށްގެނަ ނަވަލްނީ 32 ދުވަސްފަހުން ހޮސްޕިޓަލުން ދޫކޮށްލައިފައިވާއިރު އޭނާގެ ހާލު ކުއްލިއަކަށް ގޯސްވެފައިވަނީ އޭނާއަށް ދީފައިވާ ވިހައަކުންކަން އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ އޭނާއަށް ފަރުވާދިން ހޮސްޕިޓަލުން ބުނެފައި ވެއެވެ.

ނަވަލްނީއަށް ފަރުވާދިން ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 44 އަހަރުގެ ނަވަލްނީ ހޮސްޕިޓަލުގައި މުޅި ޖުމްލަ 32 ދުވަސް ހޭދަކޮށްފައިވާއިރު މި ދުވަސްތަކުގެ ތެރެއިން 24 ދުވަހު ނަވްލަނީއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައި ކަމަށެވެ. އަދި ނަވަލްނީގެ ޕުރޮގްރެސްއަށާއި މިހާރުގެ ހާލަތައް ބަލާއިރު ވިހައިގެ ސަބަބުން ނަވަލްނީއަށް ލިބުނު ގެއްލުމުން އެކީއެކަށް އަރައިގަނެވޭނެކަމަށް އޭނާ އަށް ފަރުވާކުރި ޑޮކްޓަރުން ގަބޫލް ކުރާކަމަށްވެސް ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ.

މިމައްސަލައިގައި ޖަރުމަނު ސަރުކާރުން އެންމެފަހުން ބުނެފައިވަނީ ނަވަލްނީއަށް ދީފައިވަނީ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ކަން ސުވިޑެން އާއި ފްރާންސުގައި ހެދި ޓެސްޓުތަކުން ވެސް ހާމަވާ ކަމަށެވެ. މިހެން ނަމަވެސް ރަޝިއާއިން ބުނަމުން އަންނަނީ މިކަން ސާބިތު ކުރެވޭވަރަށް އަދި ހެކި ހޯދިފައި ނުވާކަމަށެވެ. ނޮވިޗޮކް ގުރޫޕުގެ ވިހައަކީ ސޯވިއެޓް ޔޫނިއަންއިން 1980ގެ އަހަރުތަކުގެ ތެރޭގައި އުފެއްދި ކެމިކަލް ހަތިޔާރެކެވެ. މީގެކުރިންވެސް ރަޝިއާގެ ސަރުކާރުން މިވިހަ ސަރުކާރާއި އިދިކޮޅު ފަރާތްތަކަށް ދީފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ.

މީގެކުރިން ގަބޫލު ކުރެވުފައިވަނީ ނަވަލްނީއަށް ވިހަ ދީފައިވަނީ އޭނާ އެއާޕޯޓުގައި ހުރެ ބުއި ސައިތައްޓަކަށް އަޅައިގެން ކަމަށެވެ. ނަމަވެސް، އެންމެފަހުން ނަވަލްނީގެ ޓީމުން ހާމަކުރި މައުލޫމާތައް ބަލާއިރު ނަވަލްނީ ސައިބީރިއާގައި ހުންނެވި ހޮޓެލުން ނެގި ފެންފުޅިއަކުން ނޮވިޗޮކް ވިހަ ވަނީ ފެނިފައެވެ. ވުމާއެކު ނަވަލްނީއަށް ވިހަ ދީފައިވަނީ ހޮޓަލުން ކަމަށް ބެލެވެއެވެ.

ނަވަލްނީއަކީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރަޝިއާގެ ރައީސް ޕުޓިން އަށާއި އަދި ރަޝިއާ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އަދި މިފަހުން ނަވަލްނީ ފާހަގަ ކޮށްލެވިގެން ގޮސްފައިވަނީ ރަޝިއާގެ ސިޔާސީ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ކޮރަޕްޝަނުގެ އަމަލުތައް ފަޅާ އަރުވާލި ބޭފުޅެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ