އުތުރު ކޮރެއާއިން ދެކުނު ކޮރެއާގެ އޮފިޝަލެއް ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު އެމީހާ ރޯކޮށްލައިފައިވާ ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނެފިއެވެ.
ދެކުނު ކޮރެއާއިން މި އިންސާނިއްޔަތާއި ހިލާފު އަމަލު ކުއްވެރިކޮށް ބުނެފައިވަނީ، މަރާލައިފައިވަނީ އެގައުމުގެ ފިޝަރީސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށާއި އޭނާ މަރާލައިފައިވަނީ ޕެޓްރޯލް ބޯޓެއްގައި ނުކުމެ ދެކޮރެއާ ގުޅޭ ސަރަހައްދުގައި އުޅެނިކޮށް ކަމަށެވެ.
ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ، އުތުރު ކޮރެއާގެ ސިފައިން އެމީހާގެ ގަޔަށް ބަޑިޖަހައި މަރާލުމަށްފަހު މަރުވެފައިވާ ހަށިގަނޑަށް ތެޔޮ އަޅައި އަންދާލައިފައިވާ ކަމަށެވެ. އަދި މިގޮތައް އަމަލިކޮށްފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
މިމައްސަލައިގައި އުތުރު ކޮރެއާއިން އަދި ވަކިއެއްޗެއް ބުނެފައި ނުވާއިރު ދެ ކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދަކީ އަސްކަރީ ފިޔަވަޅުތައް ވަރަށް ވަރުގަދަ ކޮށްފައިވާ ސަރަހައްދެކެވެ. ގަބޫލު ކުރެވޭ ގޮތުގައި އުތުރު ކޮރެއާއިން ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް އެގައުމަށް ގަވާއިދާ ހިލާފައް އެތެރެވާ މީހުން އަންނަނީ ވަގުތުން ބަޑިޖަހައި މަރާލަމުންނެވެ.
މިއީ އުތުރު ކޮރެއާގެ ސިފައިން ހަމަލާދީ ދެކުނު ކޮރެއާގެ މީހަކު މަރާލި ދެވަނަ ފަހަރެވެ. މިގޮތުން 2018 ވަނަ އަހަރުވެސް އުތުރު ކޮރެއާއިންވަނީ ދެކުނު ކޮރެއާ މީހެއްގެ ގަޔަށް ބަޑިން ހަމަލާދީ މަރާލައިފައެވެ.




