ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު (ޢަންނި) ގެނައުމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާފައިވާ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމައިފިއެވެ.
މުޙައްމަދު ނަޝީދު މަޖިލިސް ރައީސަކަށް ގެންނަން ނިންމާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެމްޑީޕީން ކަނޑައަޅާ މެމްބަރަކު ހޮވުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގައި ދާދިި ދެންމެ ނެގި ވޯޓަކުންނެވެ.
ނަޝީދު މަޖިލީހުގެ ރައީސަށް ގެންނަން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުން ވަނީ ވޯޓް ދެއްވާފައެވެ. މި ނިންމުން ނިންމެވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާޤުންނެވެ.
މަޖިލީހުގެ ރައީސްކަމަށް ނަޝީދުގެ ނަންފުޅު ހުށަހެޅުއްވީ ހިތަދޫ އުތުރުދާއިރާގެ މެންބަރު މުޙައްމަދު އަސްލަމްއެވެ. އަދި އަސްލަމްގެ އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފުއެވެ.
މަޖިލީހުގެ ރައީސާއި، ނައިބުރައީސް ކަނޑައެޅުމަށް ބޭއްވު އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ބައްދަލުވުން ފެއްޓެވިއިރު، ވާދަވެރިކަން އުފެދިފައި އޮތީ އަސްލަމް އަދި އަފީފްގެ މެދުގައެވެ. ނަމަވެސް ޕާޓީގެ މަސްލަހަތު އިސްކުރައްވާ އެދެބޭފުޅުން ހުށަހެޅުއްވީ މަޖިލީހުގެ ރައީސްގެ މަޤާމަށް ނަޝީދު ގެނައުމަށެވެ.
ނަޝީދަށް މި ހުށަހެޅުން ހުށަހެޅުމާއެކު، ނަޝީދު ވަނީ ޚާއްޞަ ފޯން ކޯލެއް ކުރައްވާފައެވެ. އެ ހުށަހެޅުން ނަޝީދު ބަލައިގެންފައިވަނީ އެ ޚާއްޞަ ފޯން ކޯލަށް ފަހުގައެވެ. ނަޝީދު ވިދާޅުވީ، "ފޯން ކުރެއްވީ ވަރަށް ގާތް ބޭފުޅަކަށް" ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 65 ގޮނޑި ހޯއްދަވާފައެވެ. އެހެންކަމުން މާދަމާ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުން މަޖިލީހުގެ ރައީސަކަމަށް ނަޝީދު ވަޑައިގަތުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.