ދެކުނު ކޮރެއާގެ އޮފިޝަލް މަރާލި މައްސަލައިގައި އުތުރު ކޮރެއާއިން މާފަށް އެދިއްޖެ

ދެކުނު ކޮރެއާގެ ފިޝަރީސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ އޮފިޝަލެއް ގަޔަށް ބަޑިޖަހައި މަރާލައި އެމީހާ އަންދާލި މައްސަލައިގައި އުތުރު ކޮރެއާއިން މާފަށް އެދެފިއެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މިހާދިސާއާއި ގުޅިގެން މާފަށް އެދި ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިން އަށް ސިޓީފުޅެއް ފޮނުވައިފައި ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން މިއަދުވަނީ ބުނެފައެވެ.

މި ސިޓީފުޅުގައި މިހާދިސާ އަކީ ހިނގައިގެންވާނެ ހާދިސާއެއް ނޫންކަން ފާހަގަކޮށް މިފަދަ ކަމެއް ހިނގައިފައިވާތީވެ ދެކުނު ކޮރެއާގެ ރައްޔިތުންގެ ކިބައިންނާއި ރައީސް މޫން ޖައި އިންގެ ކިބައިން ކިމް ޖޮންގް އުން މާފަށް އެދިފައިވާ ކަމަށް ދެކުނު ކުރެއާގެ ރައީސްގެ އޮފީހުންވަނީ ބުނެފައެވެ. މިއީ މިހާދިސާއާއި ގުޅިގެން އުތުރު ކޮރެއާއިން ރަސްމީ ސިފައެއްގައި އެއްޗެއްބުނި ފުރަތަމަ ފަހަރެވެ.

ދެކުނު ކޮރެއާގެ އޮފިޝަލެއް އުތުރު ކޮރެއާއިން ލާއިންސާނީ ގޮތެއްގައި މަރާލައިފައިވާކަން އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ދެކުނު ކޮރެއާއިންނެވެ. މިގޮތުން މިމައްސަލައިގައި އިއްޔެ ދެކުނު ކޮރެއާއިން ބުނެފައިވަނީ، އެގައުމުގެ ފިޝަރީސް ޑިޕާޓްމެންޓުގައި މަސައްކަތްކުރާ މުވައްޒަފެއް އުތުރު ކޮރެއާ ސިފައިން މަރާލައި އަންދާލައިފައި ވާކަމަށެވެ. އަދި އޭނާ މަރާލައިފައިވަނީ ޕެޓްރޯލް ބޯޓެއްގައި ނުކުމެ ދެކޮރެއާ ގުޅޭ ސަރަހައްދުގައި އުޅެނިކޮށް ކަމަށެވެ.

އުމުރުން 47 އަހަރުގެ މިމީހާ ދެކޮރެއާ ގުޅޭ ބޯޑަރު ސަރަހައްދަށް ނިކުމެ އުޅުނީ ވަކި ކޮން ސަބަބަކާހުރެކަން މިހާތަނަށް ހޯދިފައި ނުވާއިރު ދެކުނު ކޮރެއާއިން އެންމެ ފުރަތަމަ ބުނެފައިވަނީ މިމީހާ އުތުރު ކޮރެއާއިން މަރާލައިފައިވަނީ ވަގަށް އުތުރު ކޮރެއާއަށް އެތެރެވާން އުޅެނިކޮށް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް މިވާހަކަތައް އޭނާގެ އާއިލާއިންވަނީ ދޮގުކޮށްފައެވެ.

މިއީ އުތުރު ކޮރެއާގެ ސިފައިން ހަމަލާދީ ދެކުނު ކޮރެއާގެ މީހަކު މަރާލި ދެވަނަ ފަހަރެވެ. މިގޮތުން 2018 ވަނަ އަހަރުވެސް އުތުރު ކޮރެއާއިންވަނީ ދެކުނު ކޮރެއާ މީހެއްގެ ގަޔަށް ބަޑިން ހަމަލާދީ މަރާލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ