ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ މަޤާމަށް ހޮވުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ނިންމެވި ދެބޭފުޅުންނަށް ނައިބު ރައީސް ފައިސަލް ނަސީމް މަރުޚަބާ ދަންނަވައިފިއެވެ.
މަޖިލީހުގެ ރައީސްގެ މަޤާމަށް ހޮވުމަށް ޕީޖީ ގްރޫޕުން ނިންމެވީ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސަކަށް ހޮވުމަށް މަޖިލީހަށް ފޮނުވުމަށް ނިންމެވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއެވެ.
މިދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވުމަށް ވިޕެއް ނެރުމަށް މިރޭ ފާސްކޮށްފައިވަނީ އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕްގެ އިއްތިފާޤުންނެވެ.
ރައީސް ނަޝީދު އަދި އީވާއަށް މަރުޚަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދެބޭފުޅުންނަށް މަރުޚަބާ ދަންނަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އެދޭފަދަ މަޖިލީހަކަށް ކަމަށެވެ.
19vana rayyithunge majlis Raees @MohamedNasheed adhi Naaib Raees kan kashavarukurevvi Mp @evattey ah marhaba dhannavan. Iraadhakureviyya 19vana rayyithunge majlis vegen dhaany rayyithun emme edheyfadha majleehakah.
— Faisal Naseem (@FaisalNasym) May 27, 2019
ރައީސް ސޯލިހު، މަޖިލީހުގެ ރައީސް ކަމަށް ތާއީދު ކުރެއްވީ ހަސަން އަފީފަށެވެ. ރައީސް ނަޝީދު ތާއިދު ކުރެއްވީ މުހައްމަދު އަސްލަމަށެވެ. ނަމަވެސް މިރޭ ނަން ފާސްކުރުމަށް ބޭއްވި ޕީޖީ ބައްދަލުވުމުގައި އަސްލަމް ވަނީ އޭނާގެ ނަން ނަގައި، ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފަ އެވެ.
އެ ހުށަހެޅުމަށް އަފީފް ވެސް ތާއީދު ކުރައްވައި އޭނާގެ ނަން ވެސް ނެންގެވި އެވެ. މަޖިލީހުގެ ރައީސް ކަމަށް ކެމްޕެއިން ކުރެއްވި ދެ ބޭފުޅުން ވެސް އެދިވަޑައިގެންނެވުމާއެކު ނަޝީދު ވަނީ "ގާތް ރަހުމަތެރިއަކަށް" ފޯނު ކޯލެއް ކުރެއްވުމަށްފަހު، އެ ހުށަހެޅުން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބުގެ މަޤާމަށް އެމްޑީޕީގެ ތެރެއިން އިތުރު ބޭފުޅަކު ޝައުގުވެރިކަން ފާޅެއް ނުކުރައްވައެވެ.



