މާލޭ ހުކުރު މިސްކިތް މާދަމާ އަސުރު ނަމާދުން ފެށިގެން އަލުން ހުޅުވާގޮތަށް ހަމަޖައްސައިފިއެވެ.
މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ވިދާޅުވީ މިސްކިތުގައި އަލުން ނަމާދުކުރުމަށް ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަށް މިހާރު ކުރިއަށްދާކަމަށެވެ.
މާލެ ހުކުރު މިސްކިތް ބޭނުން ކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމާއި މަރާމާތު ކުރުމުގެ މަސައްކަތަށް މިސްކިތް ބަންދުކުރީ މިދިޔަ އަހަރުއެވެ.
މިސްކިތް މި ހަފްތާގައި ހުޅުވަން ނިންމީ މި ހަފްތާއަކީ އިސްލާމީ ދުނިޔޭގެ ޤައުމުތަކުން ފާހަގަކުރާ "ހެރިޓޭޖް ޑޭ އިން ދަ އިސްލާމިކް ވަރލްޑް" ދުވަސް ފާހަގަކުރާ ހަފްތާކަމަށްވާތީ އެއާ ގުޅުވައިގެންކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ. މިދުވަސްފާހަގަކުރުމުގެ މިއަހަރުގެ ޝިއާރަކީވެސް އާސާރީ ބިނާތަކާއި، ތަރިކައާއި ތާރީޚީ ތަންތަން އަދި ދާރުލް އާސާރުތަކަށް ލިބޭ ގެއްލުންތައް ޙައްލުކުރުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމެވެ.
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށް ބިނާ ކުރެވުނު މި މިސްކިތް 1338ގައި އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ.
މި މިސްކިތް މިހާރު ހުރި ގޮތަށް 1657 ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)އެވެ.
މާލޭ ހުކުރު މިސްކިތަކީ ބޮޑުމިނަކީ 199 އަކަފޫޓު ހުންނަ މި މިސްކިތަކީ އަތްތެރި މަސައްކަތްވަރަށް ރީތިކޮށް ފެންނަން ހުރި މިސްކިތެކެވެ



