އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދަށް ނުލިބޭ ކަމަށް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން މަންފާނުވާ ޕާޓީއެއް ނުހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރިއަތުގެ މަޖިލީހުގައި ބުނުމާއި ގުޅިގެން، އެފަދަ މަންފާއެއް ހޯދާފައިނުވާނެ ކަމަށް ބުނަމުންނެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ އަޅުގަނޑަށް ލިބިފައި ނުވާކަމަށް ތަކުރާރުކޮށް ދަންނަވާ ކަމަށެވެ.
ކުރެވުނު ކުށްތަކަށް ތައުބާވެ، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފައެވެ. އިއްޔެ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ ކުރެވުނު ކުށްތަކަށް ތައުބާވެފައި ވާކަމަށާއި އަދި އެކަމާއިގުޅިގެން ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މާފަށްއެދޭކަމަށެވެ.
އަދީބު އިތުރަށް ވިދާޅުވީ މި މައްސަލަތަކާއި ގުޅިގެން ފަސް އަހަރެއްހާ ދުވަހު ޖަލުގައި ހޭދަ ކުރެއްވިއްޖެ ކަމަށާއި ހެދިފައިވާ ގޯސްތަކާމެދު ހިތާމަކުރައްވާ ކަމަށެވެ. މިީގެއިތުރުން އިޔްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ދައުލަތުން އަދީބުގެ މައްޗަށްކުރާ 7 ދައުވާއަށް އިއުތިރާފްވެފައެވެ.
އަދީބުގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރޭގައި ހިމެނެނީ، މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި އަދީބް ވިދާޅުވީ އެމްއެމްޕީއާރުސީއިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށާއި ދައުލަތުން ކުރާ ހަތް ދައުވާއަށް އިތިރާފުވާކަމަށެވެ. މިއީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގައި އަދީބު މައާފަށް އެދުނު ފުރަތަމަ ފަހަރެވެ.



