ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ވިހަ ދީފައިވަނީ ރަޝިއާގެ ރައީސް ވަލްޑިމިއަރ ޕުޓިންގެ އަމުރަށް ކަމަށް ނަވަލްނީ ތުހުމަތު ކޮށްފިއެވެ.
ނަވަލްނީ މިގޮތަށް ތުހުމަތު ކޮށްފައިވަނީ، ވިހައިގެ އަސަރުކޮށް ހޭނެތުމުން ޖަރުމަނުގެ ބާލިންގެ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދީ ދޫކޮށްލިފަހުން މީޑިއާއަށް ދިން ފުރަތަމަ އިންޓަރވިއުގައެވެ.
އުމުރުން 44 އަހަރުގެ ނަވަލްނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނީ އޮކްޓޯބަރ މަހުގެ 20 ވަނަ ދުވަހު ސައިބީރިއާއިން މޮސްކޯއަށް ދިޔަ ފްލައިޓެއްގައި ހުއްޓައި ހާލު ދެރަވެ ހޭނެތުމުންނެވެ. ޓެސްޓުތައް ހެދުމަށްފަހު ޖަރުމަނުގެ ސަރުކާރުން ބުނެފައިވަނީ ނަވަލްނީއަށް ދީފައިވަނީ ނޮވިޗޮކް ގުރޫޕުގެ ވިހައެއް ކަން ސުވިޑެން އާއި ފްރާންސުގައި ހެދި ޓެސްޓުތަކުން ވެސް ހާމަވާ ކަމަށެވެ.
ޖަރުމަނުގެ ނޫހަކަށްދިން ހާއްސަ ބަސްތީގަތުމެއްގައި ނަވަލްނީ ބުނެފައިވަނީ އޭނާއަށް ވިހަ ދިނުމުގެ ފަހަތުގައި ޕުޓިން ހުއްނާނެ ކަމަށާއި މި ނޫން އެހެން "އެކްސްޕުލެނޭޝަން" އެއް މިކަމުގައި ނެއްކަމަށެވެ.
ނަމަވެސް ރަޝިއާއިން އައްނަނީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ނަވަލްނީއަށް ވިހަ ދިނުމުގައި ޕުޓިންގެ ބައިވެރިވުން އޮތްކަމަށް ދޭހަވާ ގޮތައް ދެކެވޭ ވާހަކަތައް ދޮގުކުރަމުންނެވެ.
ނަވަލްނީގެ ބަސްތީގަތުމަށް ރައްދުދެމުން ޕުޓިންގެ ތަރުޖަމާނަކު ބުނެފައިވަނީ، ނަވަލްނީއަށް ނޮވިޗޮކް ގުރޫޕުގެ ވިހައެއް ދިންކަން ސާބިތުވާވަރުގެ އެއްވެސް ހެއްކެއް އަދި މިހާތަނަށް ހޯދިފައި ނުވާކަމަށާއި ނަވަލްނީ އާއެެކު ސީއައިއޭގެ އެޖެންޓުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަވަލްނީގެ ހާލު ރަނގަޅުވުމުން ހޮސްޕިޓަލުން މިހާރު ދޫކޮށްލައިފައިވާއިރު، ނަވަލްނީ ހޮސްޕިޓަލުގައި މުޅި ޖުމްލަ 32 ދުވަސް ހޭދަކޮށްފައިވެއެވެ. އަދި މި ދުވަސްތަކުގެ ތެރެއިން 24 ދުވަހު ނަވްލަނީއަށް ފަރުވާ ދީފައިވަނީ އައިސީޔޫގައެވެ.



