ރޭޕް ކުރުމުގެ ކުށުގައި ޝާހު ޖަލަށްލުމުން ޒިޔާދާގެ ދަރިފުޅު ގެއިން ނެރެލައިފި

މަރުވި ޒިިޔާދާ ނައީމްގެ މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމް ކުރުމާ އެކު، ޒިޔާދާގެ ހަގު ފިރިހެން ދަރިފުޅު ޒިޔާން އިބްރާހިމް ގެއިން ނެރެލާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޝާހު ޖަލަށް ލުމަށް މިއަދު ކުރި ހުކުމާއެކު، ޒިޔާން އޭނާގެ ބައްޕަގެ ގެއިން ނެރެލާފައިވާ ކަމަށް އޮންލައިން ނޫސް "މިހާރު" އަށް އޭނާ ބުނެފައި ވެއެވެ.

އޮންލައިން ނޫސް "މިހާރު"ގައި ރިޕޯޓް ކޮއްފައިވާ ގޮތުގައި ކޮވިޑްގެ ސަބަބުން ޒިޔާން ކަނިފުށި މޯލްޑިވްސް ރިސޯޓުގައި އަދާކުރަމުން ދިޔަ ވަޒީފާ ގެއްލި ބައްޕަ އާއި ދޮންމަންމައާ އެކު އުޅެނިކޮށް މިއަދު ކުރި ހުކުމަކީ، އަނިޔާތަކުގެ ސަބަބުން މަރުވި މަންމަ އަށް އިންސާފު ލިބުނު ނިންމުމަކަށް ވިޔަސް އެ ހުކުމާ އެކު އަނެއްކާވެސް އިތުރު ހިތްދަތިކަމެއް ލިބުނު ދުވަހެއް ކަމަށެވެ.

"މިއަދު ބުނެފި ގެއިން ނުކުންނާށޭ. ކޮންމެހެން ބައްޕަ ނުހުންނަ ތަނެއްގަ ޒިޔާނަކަށް ނުހުރެވޭނެއޭ. ދެން އައިސް ރައްޓިއްސެއްގެ ގޭގަ މިހުރީ،" ޒިޔާން "މިހާރު" ނޫހަށް ބުންޏެވެ.

ޝާހްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި އޭނާގެ ދަރިންނަށް އެ ހާދިސާއާ ބެހޭ ގޮތުން ދެއްކި ވާހަކަތަކާއި ކޮށްފައިވާ މެސެޖުތައް ހެކީގެ ގޮތުގައި ކޯޓުން ވަނީ ބަލައިގެންފަ އެވެ.

28 ޑިސެމްބަރު 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި އޭނާގެ ކުރީގެ ފިރިމީހާ ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. ދެން ހުރި ދައުވާތައް ވެސް އަދި ކުރިއަށް ގެންދާނެ އެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ