ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލައިގައި ފިރިމީހާ އެރަށު ޖަވާހިރުމާގޭ ދެކުނުބައި އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދަޢުވާގެ އިސްތިއުނާފީ އަޑުއެހުމެއް ހައިކޯޓުގައި މާދަމާއަށް ތަވާލުކޮށްފިއެވެ.
ޒިޔާދާގެ މަރުގެ މައްސަލާގައި އިސްތިއުނާފީ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 1:30 އަށެވެ.
ލިބުނު ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ޒިޔާދާ ނިޔާވެފައިވަނީ 28 ޑިސެމްބަރު 2015 ގައެވެ. ޒިޔާދާ ނިޔާވީ އޭނާގެ ފިރިމީހާ އިބްރާހީމް ޝާހު ދިން ޖިންސީ އަނިޔާތަކުގެ ސަބަބުން ކަމަށް ފުލުހުންގެ ތަހުޤީޤަށްފަހު ފުލުހުންވަނީ ބުނެފައެވެ.
ޒިޔާދާގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ ޝާހުގެ މައްޗަށް ޕީޖީއިން ވަނީ ހަތަރު ދައުވާއެއް އުފުލައިފަ އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އެވެ.
ނަމަވެސް މި 4 ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗު މަހުގެ 21 ވަނަ ދުވަހު ނިންމާފައެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ވަނީ 2019 ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އެމައްސަލަ ހައިކޯޓުގައި އިސްތިޢުނާފް ކޮށްފައެވެ.